Monday, September 28, 2009

މީ ވީ ގޮތޭ އަދު ބަދަލު ވެއްޖެޔޭ މުޅި ޒަމާން........!

މުޙައްމަދު

ތެދެކެވެ. ޒަމާން ބަދަލުވެއްޖެއެވެ. ޒަމާން ބަދަލު މިވީ ވަރަށް ގިނަގުނަ ކަންތައްތަކެއް ވެގެންނެވެ. އެތައް ބައެއްގެ މިންނެތް މަސައްކަތުންނެވެ. ގަލަމަކުން ދުލަކުން ބަޔާން ނުކުރެވޭ ފަދަ ޤުރުބާން ތަކެއް ވެގެންނެވެ. ޒަމާނަށް މިއައި ބަދަލާއެކު އަދިވެސް ދަނީ، މިރާއްޖޭގައި އެތައްކަމެއް ވަމުންނެވެ. ކަންތައްތަކެއް ހިންގަމުންނެވެ. އެހެންކަމުން މިފަދަ ޞަފްޙާމަދު ފޮތެއްގައި އެފަދަ ހުރިހާ ކަމެއް ލިޔުމަށް މުހައްންމަދުބޭ އުޒުރުވެރި ވަމެވެ. ނަމަވެސް މިރާއްޖޭގައި ކަންވީގޮތާއި ވަމުންދާ ގޮތް ކޮއްކޮމެންނަށް ވަރަށް ބޮޑަށް އޮޅިގެން އުޅޭކަމަށް ފެންނާތީ ވަމުންދާގޮތް ބުނެނުދީ ހިތަށް ހަމަޖެހުމެއް ނުލިބިގެން ގަލަން ނެގީއެވެ.

އަޑު އަހާށެވެ. ތާރީޚީ ފަތްފުށްތަކުން ހާމަވާގޮތުގައި މިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި އެންމެންނަކީ ވަޖުރަޔާނާ ބުޑިޒަމުގެ އަހުލުވެރިންނެވެ. އެބައިމީހުންނަކީ ތާކުންތާކު ނުޖެހޭ ޚުރާފީ ކަންތައްތަކެއް ޤަބޫލުކޮށްގެން ތިބި “އެޅިހާ ބަތަކަށް ރިހަ” ކީ ބައެކެވެ. ކޮއިމަލާ ކަލޯގެ ރަސްކަމުގައި ފަސްކުޅަނދު ހަމަ މާލޭގެ ރައްޔިތުން ކޮންމެ ހަނދުމަހެއްގެ ފުރަތަމަ ރޭ ބިކުރުވެރި އަންހެންކުއްޖެއް ވެދުންކުރަމުން ދިޔަ ދިޔުމުންވެސް މިކަން ސާބިތު ވެއެވެ. ރާއްޖެ އިސްލާމްވުމަށްފަހުވެސް މިރާއްޖޭގައި އުޅުނު ގިނަ ދިވެހިންނަކީ ބޮޑުވަރިހަމައިގެ މީހުންނެވެ. “އައްޔަކަސް އަނދިރިއަކަސް ވާނީ އެއްވަރޭ” ބުނެ އަބުރުވެރިންނަށް ވެގެން ހައްޕު ކިޔައިގެން ހަމަ އެކަނި ތިބީކީ ނޫނެވެ. ކާބަފައިން ބުރަ މަސައްކަތުން ބާނައިގެން ގެންނަ މަސްކޮޅާއި އިންދާ ހެއްދި ރުއްގަހުގެ މޭވާއަށް ދަންދެން ވެރިންނަށް ވެދުން ވެސް ކުރިއެވެ.

ކޮންމެއަކަސް މީ ދައްކާ ކޮޅުންލާން އޮތް ވާހަކަތަކެއް ނޫނެވެ. މުހަންމަދު ބެއަށްވުރެ ރަނގަޅަށް، މާ ގާތުން މިކަން ތަޖްރިބާކުރި މީހުން މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. މިކަހަލަ ފާގަތި ކަސްތޮޅެއްގައި ތިބެ ދުވަސްތައް ފަހަނަޅައި ގޮސް މުހަންމަދުބޭ ހަނދާން ހުންނަނީ އަށްޑިހައިގެ އަހަރުތަކުން ފެށިގެންނެވެ. އެހެންކަމުން މިލިޔުމުގައި ބަލައިލާނީ 80 ގެ އަހަރުތަކުން ފެށިގެން މިދީބުގެ ކަންތައްތައް ވަމުންދާގޮތުގެ މައްޗަށެވެ. އެ ހިސާބުން ފެށިޔަސް ބުނެލަންހުރި ވާހަކަތައް ލައްކަ ގިނައެވެ. އެހެނަސް ބައެއް ވާހަކަތައް ހާމަކޮށްލެވޭތޯ ބަލާނަމެވެ.

މުހައްމަދުބޭ ވެސް ކުރިން ހީކޮށްގެން ހުރީ ކޮއްކޮމެންވެސް ތިޔަ ހީކުރި ގޮތަށެވެ. ރައީސުލް ޖުމްހޫރިއްޔާއޭ ބުނެފިއްޔާ ފަހަތަށް އަންނަން ޖެހޭނީ އަލްއުސްތާޛް ކަމަށެވެ. ކޮންމެ ޙާލަތެއްގައި ކޮންމެ މަކާނެއްގައިވެސް ބަސް ވިދާޅުވަން ޖެހޭނީ ދީނާގުޅުވައިގެން ޤުރްއާނާއި ސައިންސްގެ އަލީގައި ކަމަށެވެ. ވާތުލޯފުޅު ނުގޮތަކަށް ތޮޅެލިޔަސް ޚާއްޞަ ޑޮކްޓަރަކަށް ދައްކަވަން ސިންގަޕޫރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މިފަދަ ޢިއްޒަތާއި މާތްކަށް ލިބިވަޑައިގެންފައިވާ ޤަދަރުވެރި ބޭފުޅަކާމެދު ކުޑައިމީސް ބަހެއް ބުނެފިނަމަ ކުށްވެރިވާނެ ކަމަށެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރެއްވިޔަސް ފެނިގެން ނުވާނެ ކަމަށެވެ. ވަމުން ދިޔައީވެސް އެހެންނެވެ. ބަހެއް ބުނެލައިގެން ސިޓީއެއް ލިޔެގެން ކުށްވެރިވެ ކުޑަ ގޮޅީގައި ޢުމުރުގެ ބޮޑުބައި ހޭދަކޮށްލި ދިވެހި ދަރިން ބައިވަރެވެ. ނަމަވެސް ގިނަ ރައްޔިތުން ތިބީ “އަދަބާ ލަނބައިބޯ” ކިޔައިލަ ކިޔައިލަ އެވެ. އަރިހު ބޭކަލުން ދަންނަވަމުން ދިޔައީ ހަމަ އާދޭހެވެ! ތިޔަ ވިދާޅުވީ ހަމަ ތެދު ފުޅެކެވެ. މަނިކުފާނަށް ހަމަ ސާބަހެވެ.

މަނިކުފާނު ފަދަ ވެރިއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ. އަދި އެއް ދައުރު ހުރެދެއްވާށެވެ. ޢުމުރުފުޅު ދިގުދަންމަވާށިއެވެ. އެވެރިންގެ ފަސްކުޅަނދު މަދުވާނެއެވެ. މަނިކުފާނު ވިދާޅުވެއްޖެއްޔާ ދުވާލު، ރޭގަނޑުކަމަށްވެސް ޤަބޫލު ކުރާނެއެވެ. ސައްތައިން ސައްތަ ތާޢީދު ހޯދައިދޭނަމެވެ. ވިދާޅުވާކަމަށް ވެއެވެ. ތިޔަކަން ތިމަން މަނިކުފާނުވެސް ދެނެވަޑައިގަންނަވަމެވެ. ފަލަކީ ހިސާބުތަކުން ދައްކަނީވެސް ހަމަ ތިޔަ ވިދާޅުވި ގޮތަށެވެ. ކުރިޔަށް ގެންދަވާށެވެ. ތިޔަބޭފުޅުންނަށް ނުވާނެ ކަމެއް މަނާކަމެއް ނޯންނާނެއެވެ.

އިންތިޚާބުގެ ކަންތައްތައް އޮންނަނީ ކިހިނެއްހެޔެވެ؟

ޖަވާބުދޭން ވަރަށް ފަސޭހަސުވާލެކެވެ. އޮންނަނީ ކަތުރު ފަންޏެއް ހެއްނެވެ. ބައެއް ފަހަރު ފޫނެތް ފާއެއްގެ ސިފާގައިވެސް އޮވެއެވެ. ބައެއް ރަށް ރަށުގައި ޖަހަން ޖެހެނީ ކުޑަކާފެއް ނުވަތަ ބޮޑު ކާފެކެވެ. ރަސްގެ ލައިފިއްޔާ ކަތުރު ފަނި ކާލައެވެ. ނުނީ ވޯޓުފޮށި ފުރިގެން ބަންޑުންޖަހާލަން ޖެހިދެއެވެ. އަދި އެއްމެ ހެއްވާ ކަމަކީ ބައެއް ރަށްރަށުގައި ރައްޔިތު މީހާއަށް މާބޮޑު މަސަކަތެއް ކުރަން ނުޖެހޭތީއެވެ. ލާން ބޭނުންވާ ފާހަގަ ސިއްސިއްރުން ކަތީބަށް ނަންގަނެލާފައި ގެއަށް އައިމަ ނިމުނީއެވެ. ސިއްރު ވޯޓުލައްވައިދެއްވަނީ ކަތީބެވެ. އެހާވެސް ހިންގުންތެރިއެވެ. ފެންނަންޏާ ބޮޑު ކާފެއް ނުފެންނަންޏާ ކުޑަ ކާފެއް ޖަހައި ފޮށްޓަށް ވައްޓާލަން ކަތީބަށް ނުދިނުމުން ވޯޓުފޮށިމަތީ އަތް އަޅާ، ބަނޑުޖަހައި މާރާމާރީ ހިންގައިފަވެސް އެބަހުއްޓެވެ.

މިހެން ނަހަދާ ރައްޔިތުން ޖަހާނެ ފާހަގައެއް ޖަހަން ދޫކޮށްލާ ރަށްރަށުގެ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާ ނެރެނީ ދަންވަރު ބިގަރު ދިއްލައިގެން ބޮޑު 16 ގެ މީހުންގެ ޖަމާޢަތަކުންނެވެ. މާލެ ގެނެސް ގުނާލާއިރު އޮންނަނީ އެއްމެ ރަސްގެ އެކެވެ. ނަތީޖާ އިޢުލާން ކުރުމުން މުހަންމަދުބޭ ހީކުރީ ރަސްގެ ޖެހީ ހަމައެކަނި މުހަންމަދުބޭ އެކަނި ކަމަށެވެ. ބަކުރުބޭ ގާތުގައި އަހައިލީމާ ބަކުރުބޭ ބުނީ ރަސްގެ ޖެހީ އޭނާކަމުގައެވެ. ކާސިމްބޭވެސް ދިނީ ހަމަ މިޖަވާބެވެ. އަޅެ! މިވާގޮތަކާމެދު ކޮއްކޮމެން ނިކަން ފިކުރުކޮށްލާފައި މުހަންމަދުބޭ އަށް އަންގާލަ ދީފާނަންހެއްޔެވެ؟ މަރުނުވެ ދުނިޔޭގަ ހުރިއްޔާ ދެން ނުކުންނަ ޢަދަދެއްގައި ކޮއްކޮމެންގެ ޖަވާބުތައް ލިޔެލާނަމެވެ. އިންތިޒާރު ކޮށްލާށެވެ. *

ބޮލީވުޑްގައި ހުރި އެންމެ ރީތި އަންހެނާ


ޢަލީ ފުއާދު

ނަން: ޑީޕިކާ ޕަޑުކޯން

އުފަންދުވަސް: 5 ޖެނުއަރީ 1986 (ޑެންމާކުގައި)

ގައުމު: އިންޑިޔާ

ކެރިޔާ: މޮޑެލް ކުރުން، އެކުޓްކުރުން

ބައްޕަގެ ނަން: ޕުރަކާޝް ޕަޑުކޯން

އިސްކޮޅު: 5 ފޫޓް 9 އިންޗި

ފުރަތަމަ ފިލްމު: އައިޝްވަރިޔާ (ކަންނާނީ ފިލްމު) 2006

ހޮބީ: މިއުޒިކް އަޑުއެހުން، ފިލްމު ބެލުން، ބާސްކެޓް ކުޅުން، ޓެނިސް ކުޅުން، ބޭސްބޯޅަ ކުޅުން

އިންޑިޔާގެ ކުރީގެ މަޝްހޫރު ބެޑުމިންޓަން ކުޅުންތެރިޔާ ޕުރަކާޝް އަދި ޓްރެވަލް އެޖެންޓަކަށް ލިބިފައިވާ 2 ކުދިން ތެރެއިން އެންމެ ދޮށީ ދަރިފުޅު ޑީޕިކާ އަކީ މި ވަގުތު ހިންދީ ފިލްމީ ދުނިޔޭގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ ރީތި އަންހެން ސްޓާރެވެ. މި ދުވަސްވަރު އެންމެ ގިނަ ޑައިރެކްޓަރުންގެ ލޯތައް އަމާޒު ވެފައިވާ ސްޓާރެވެ. އެހެން ކަމުން ޑީޕިކާއަށް ވަރަށް ގިނަ ޢަދަދެއްގެ ހުށައެޅުންތައް ލިބެމުންދާ ކަމަށް މީޑިޔާއިން ޚަބަރު ލިބެއެވެ. ކެނެޑާއަށް އުފަންވި ކަމުގައިވިއަސް އުމުރުން އެންމެ 11 މަހުން ފެށިގެން އިންޑިޔާގައި ދިރިއުޅެމުން އަންނަ ޑީޕިކާ މަތީ ތަޢުލީމް ޙާޞިލް ކޮށްފައި ވަނީ އިންޑިޔާގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގެ "މައުންޓް ކާމެލް" ކޮޅެޖުންނެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން، ސްކޫލް ދައުރުން ފެށިގެން މޮޑެލް ކުރުމުގެ ދާއިރާއިން ވަރަށް ގިނަ ކާމިޔާބީ ތަކެއް ޑީޕިކާ ހޯދާފައި ވެއެވެ. އެގޮތުން ޒީ ޓީވީން ހޮވާ "އެންމެ މޮޅު އަންހެން މޮޑެލް 2006" ގެ މަގާމާއި "ފުރެޝް ފޭސް(އެންމެ ރީތި މޫނު) އޮފް ދަ އިޔަރ 2006" ހޮވިފައި ވެއެވެ. ހަމަ އެހެންމެ ވަރަށް ގިނަ އިޝްތިހާރު ތަކުގައިވެސް މޮޑެލް ކޮށްފައި ވެއެވެ. އެގޮތުން ދަތް އުނގުޅާ ބޭހެއް ކަމަށްވާ މަޝްހޫރު "ކްލޯޒް އަޕް" އިޝްތިހާރު ފާހަގަ ކޮށް ލެވެއެވެ. އަދި މިނޫނަސް ތަފާތު ވައްތަރުގެ ރީތިވާން ބޭނުންވާ ސާމާނާއި ރަނާއި ޖަވާހިރު އިޝްތިހާރު ކުރުމަށް އިޝްތިހާރު ކުޅެފައި ވެއެވެ. އެންމެ ކަމުދާ އެކްޓަރުން ކަމަށް އާމިރުޚާން، ޝާހުރުކުޚާން އަދި އަމީތާބު ބަޗަން ކަމަށް ގަބޫލް ކުރާ ޑީޕިކާ ފިލްމީ ދުނިޔަށް ނުކުމެފައި ވަނީ ހިންދީ ލަވަ އަލްބަމެއް ކަމަށްވާ "އާޕް ކާ ޝުރޫރު" އެވެ. އެއަށްފަހު އައިޝްވަރިޔާ(ކަންނާނީ ފިލްމެއް)އިންނެވެ. އެހެންނަމަވެސް ޑީޕިކާ މަޝްހޫރު ވެގެން ގޮސްފައި ވަނީ ސްޕަރ ހިޓް ފިލްމު "އޯމް ސާންތި އޯ" އިން ނެވެ. ދެން އެންމެ އަވަހަށް ޑީޕިކާ ފެނިގެން ދާނީ ސެޕްޓެމްބަރ މަހު 11 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ޕައިރޭޓްސް" އިން ނެވެ. *

އެންމެންވެސް އުޅެނީ އަމިއްލަ އެދުމައިގެންނެވެ

އާމިނަތު ރަޝީދާ (ދޮންކަމަނަ)

އަހަރެމެން އެންމެންނަކީވެސް އެއްބަނޑު އެއްބަފާ އަޚުންތަކެއް ފަދަ ބައެކެވެ. އެކަކަށް ދިމާވާ ހިތާމައެއްގައި އަނެކަކު ބައިވެރިވަނީ ހިތުގެ އެންމެ ފުންމިނުންނެވެ. އެއްވެސް ދެއްކުންތެރި ކަމެއްނެތެވެ. ނަމަވެސް މިޒަމާނުގައި ކަންތައްތައް ވަމުންދަނީ މިކަންތައްތަކާ އިދިކޮޅަށެވެ. މަންމައެއް ބައްޕައެއް ތިމާގެ މީހެއް ރައްޓެއްސެއްކަށް ބެލުމެއްނެތި އެމީހަކު ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރަމުންދެއެވެ. އަނެކާގެ ހިތަށް ކުރާނެ އަސަރަކާއިމެދު ކުޑަކޮށްވެސް ވިސްނާލުމެއްނެތިއެވެ. ވީއިރު އެންމެންވެސް އުޅެނީ އަމިއްލަ އެދުމައިގެންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަހަރެމެން މީ އިންސާނުންނެވެ. ކުށްކުރެވޭނީވެސް އިންސާނުންނަށެވެ. އެކުށަށް މަޢާފް ދިނުމަކީވެސް ހަމަ އިންސާނުންގެ އަތްމަތީގައިވާ ކަމެކެވެ. ނަމަވެސް މިކަން ހަނދުމަ ހުންނާނީ ކިތައް މީހުން ބާވައެވެ. އަނެކާގެ މެޔަށް ހަންޖަރެއް ދޫކޮށްލުމަކީ މިހާރުގެ ކުދިންނަށް އެއްވެސް ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އެމީހަކަށް ލިބޭ އުފަލެއްކަމުގައި ދެކެއެވެ. ލިބުނީ ބޮޑު ކާމިޔާބެއްކަމުގައި ދެކެއެވެ. ނަމަވެސް ދަންނަވަން ތޯއެވެ؟ ދުޝްމަނެއްގެ ފަރާތުން ފޮނުވާލެވޭ ހަންޖަރަކަށްވުރެ، ރިހުން ގަދައީ ގާތް މިތުރެއްގެ ފަރާތުން ފޮނުވާލެވޭ ހަންޖަރަކުންނެވެ. ނަމަވެސް އެހެންމީހަކަށް ދެރައެއް ލިބުމަކީ މިހާރު މިއުޅޭ ކުދިންނަށް ލިބޭ ނެތްވަރުގެ ބޮޑު ކާމިޔާބީއެކެވެ. އެއީ ބޮޑު ހަފްލާއަކައް ނުވި ކަމުގައިވިޔަސް ހިތުގެ އަޑިން އުފާފާޅު ކުރަމުންދެއެވެ.

ކުރާނެ ކަމެއްނެތެވެ. ދުނިޔެ މިއޮތީ އެމީހަކު ހިތުހުރިގޮތަކަށް އުޅޭށެވެ. އުފާކުރަންވީއެވެ. މަޖާކުރަންވީއެވެ. ނަމަވެސް އެހެންމީހުންނާ ދޭތެރޭވެސް ވިސްނާލުން ބުއްދިވެރިއެވެ. ތިމާއަށް މޮޅުގޮތާއި ކާމިޔާބު ލިބުމަށް އެދޭއިރު، އެހެންމީހުންނަށްވެސް އެފަދަ ކާމިޔާބެއް ލިބުމަށް ނޭދެންވީ ފަހެ ކީއްވެހެއްޔެވެ؟ އެއީވެސް އަހަރެމެން ކަހަލަ އިންސާނުންނެވެ. އެމީހުންވެސް އުފައްދާފައިވަނީ މަހާއި ކައްޓާއި ލެއިންނެވެ. އެމީހުންގެވެސް ހިތެއް ވެއެވެ. ހަމަތިމާއަށް އަސަރުކުރާ ފަދައިން އެމީހުންނައްވެސް އަސަރުކުރާނެއެވެ. ދެރަވެސް ވާނެއެވެ. ހިތުގައިވެސް ޖެހޭނެއެވެ. އަހަރެމެންނާ ދޭތެރޭ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކަންތައްތައް ކުރި ކަމުގައިވިޔަސް، އަހަރެމެން އެމީހަކާ ދޭތެރޭ ރަނގަޅަށް ކަންތައްތައް ކޮށްދެވޭތޯ ބަލާށެވެ. އޭރުން ފެންނާނީ އުޖާލާކަމެވެ. މިއީ ޝައްކެއް ވަސްވާހެއް ހުރި ކަމެއްނޫނެވެ. ހަމަ ހަޤީގަތެވެ.

މީހާ ހުންނަ ގޮތަކުން އެއީ ކޮންކަހަލަ މީހެއްކަމެއް އެއްގޮތަކައްވެސް ނޭނގޭނެއެވެ. އުއްބައްތި އަލީގައި ރީތިވާ އެއްޗެއް އިރުގެ އަލީގައި ރީތި ނުވެދާނެއެވެ. އެމީހާގެ ގޮތް ރަނގަޅަށް އެނގޭނީ އެއްއޮޑިއަކުން ދަތުރު ކޮށްލީމައެވެ. އެއްވެސް މީހެއްގެ ހިތުގައިވާ އެއްޗެއް އަނެކާއަށް ނޭނގޭނެއެވެ. ބޭރުން ވަރަށް ރަނގަޅު ކަމަށް ހެދިގެން، ހިތުގައި ހަސަދަވެރިކަން ބާއްވައިގެން އުޅޭ މީހުންވެސް މިހާރު މަދެއްނޫނެވެ. ކުރާނެ ކަމެއްނެތެވެ.

ކޮންމެ މީހަކުވެސް ދެކެނީ ތިމާމީ އެންމެ ވިސްނޭ އެއްމެ މޮޅު މީހާ ކަމުގައެވެ. ތިމާގެ ކުށެއް އެއްގޮތަކަށްވެސް ތިމާއަކައް ނުފެންނާނެއެވެ. އެހެންމީހުންގެ ކުއް ދައްކަމުން، އެހެންމީހުން ގޯސްކުރަމުން ވާހަކަދައްކާއިރު، އެންމެ ފުރަތަމަ ތިމާ ހުރީ ކިހާ ފެންވަރެއްގައިތޯ ބަލާށެވެ. މީހަކާ ދޭތެރޭ ކަމެއް ކުރާއިރު ނުވަތަ އެއްޗެއް ބުނާއިރު ފަހުންވާނެ ގޮތަކާ ދޭތެރޭ ވިސްނާށެވެ. "ހަލާދަނޑީގެ ދެކޮޅު ބަލާށޭ" ބުނާ ފަދައިންނެވެ. ތިމާއަށް ކަމެއް ދިމާވުމުން، ތިމާއަށް އަސަރުކުރާނެ ފަދައިން އެހެންމީހުންނަށްވެސް އެފަދަ ކަމެއް ދިމާވުމުން، އަސަރުކުރާނެކަން ނޭނގެނީ ކީއްވެގެންބާވައެވެ؟ އެނގޭނަމަ މިހާރު ކަންތައްތައް ވަމުން މިދާގޮތަށް ކަންތައްތައް ނުވާނެކަން ޔަޤީނެވެ. ނަމަވެސް މިފަދަކަމަކަށް ކުޑަކޮށްވެސް ހީއެއްކޮށްލުމަކީ ނުވަތަ އެފަދަ ގޮތަކަށް ވާނެބާއޭ ހިތަށް އެރުމަކީވެސް ބޭކާރުކަމެކެވެ.

ދެންފެންނަމުންދާ ނަތީޖާ މާހިތްދައްޗެވެ. އެންމެންނަކީވެސް ތިމާގެ ދުޝްމަނުން ކަމުގައި ދެކެއެވެ. އެކަކު އަނެކަކައް ހިނިތުންވެލާ މަންޒަރުވެސް ނުފެންނާނެއެވެ. ތިމާގެ އެކުވެރިން ނުވަތަ ތިމާޔާ އެއްލޭ ހިނގާ މީހުންނަކީ ތިމާގެ ހަތުރުން ކަމުގައި ބަލައެވެ. ނަމަވެސް މިފަދަ މީހުންނަށް ފަހުންލިބޭ ހިތާމަ މާބޮޑެވެ. ދުނިޔޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުލިބި އެއްވެސް މީހެއްގެ ލޯތްބެއް އަޅާލުމެއް ހަމްދަރުދީއެއް ނުލިބި ދިރިއުޅެން ޖެހެއެވެ. އެންމެފަހުން ތިމާމީ އުނިމީހެއް ކަމުގައި އިޙްސާސް ކުރެވެން ފަށައެވެ. ތިމާގެ ގައިން އެއްބައި މަދުކަމުގެ އިޙްސާސް ކުރެވެން ފަށައެވެ. ވާންވީގޮތް ވީއެވެ. ކުރާނެ އެއްވެސް ކަމެއް ހަދާނެ އެއްވެސް އެއްޗެއް ނެތިފަ އެކަނިވެ ބިކަހާލުގައި އުޅެން ޖެހުނީއެވެ.

"ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގާ ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހޭ އުމުރައް މުޅިން"

Monday, September 7, 2009

މުދައްރިސެވެ. ވަގުތަކީ ހޯދީމަ ލިބޭ އެއްޗެކެވެ.

ކޮންމެ ދުވަހަކުވެސް ނިދިން ހޭލެވޭއިރު އަހަރެންގެ ސިކުނޑިއަށްވަނީ ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން ބަރުކަން ލިބިފައެވެ. ލަހުން ނިދުމުގެ ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ހޭލެވެނީވެސް ލަހުންނެވެ. ފަތިސް ނަމާދު ނުކޮށް މަސައްކަތައިގެން ކުރިޔަށް ދާންޖެހެނީ އެހެންވެގެންނެވެ. ހޭލެވޭއިރު ހުންނަނީ ވަގުތު ކުޑަތަންވަޅު ވެފައެވެ. ނުތަންވަޅުވެފައެވެ. ފަތިސް ނަމާދު ކޮށްލާނެ ވަގުތެއް ނުލިބެއެވެ.

ފެންވަރާލައިގެން ދެންދަނީ މަދަރުސާއަށެވެ. އެތައް ކުދިންނަކަށް މަގުދައްކައިދީ ތަރުބިއްޔަތު ކުރުމުގެ ޒިންމާ އެވަގުތުން ފެށިގެން އަހަރެންގެ ބޮލުގައި އެޅުނީއެވެ. މެންދުރު ނަމާދުގެ ވަގުތު ފާއިތުވެގެންދަނީ އެތަނުގައި އުޅެނިކޮށެވެ. މަދަރުސާއިން ނިމިގެން ގެޔަށް އާދެވޭއިރު އަހަރެންގެ ސިކުނޑި ހުންނަނީ އެތައް ކުދިންނެއްގެ ޝަކުވާއިން ފުނިޖެހިފައެވެ. ވެފައިހުންނަ ބަނޑުހައި ހޫނުކަމާއެކުވެސް ގެޔަށްވަދެވުމާއެކު ތަނެއްގައި ޖައްސާލެވެނީ އެހެންވެގެންނެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. އަރާމުކޮށްލުމުގެ ނިޔަތުގައެވެ. އިރުކޮޅަކުން އަހަރެންނަށް އޮންނަނީ ނިދިފައެވެ. ހަމަނިދިވެސް ނުލިބޭތީއާ އެކުގައެވެ.

އަނެއްކާވެސް ހޭލެވޭއިރު ހުންނަނީ ޢަޞްރު ނަމާދު ޖަމާޢަތުގައި ނުކުރެވޭހައި ލަސްވެފައެވެ. ހޭލެވުމާއެކު ފުރަތަމަވެސް އަހަރެން ބޭނުންވަނީ ބަނޑުހައި ހޫނުކަން ފިލުވައިލާށެވެ. އެނދުން ހިއްލައިލާ ގޮތަށް "ކާގެ" އާ ދިމާއަށް މިސްރާބު ޖެހެނީ އެހެންވެގެންނެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި މާތް ދެއްވި ރިޒުޤުން ހައިހޫނުކަން ފިލުވުމަށްފަހު ދެން އަހަރެން މިސްރާބުޖަހަނީ ފުޓުބޯޅަ ދަނޑާއި ދިމާއަށެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި، އަހަރެންވެސް އަމިއްލަ ހަށިގަނޑަށް ކަސްރަތު ދޭން ބޭނުންވާތީއާވެސް އެކުގައެވެ. އެހެންކަމުން އަޞުރު ނަމާދު ކޮށްލާނެ ވަގުތުވެސް އަހަރެންނަކަށް ނުލިބެއެވެ.

ކުޅެ ނިންމާލުމަށްޓަކައި ރެފުރީ ފުމެލާ ފަހު ކަށިގަނޑު ކަމުގައި އަހަރެމެން ހަދަނީ މަޣުރިބު ނަމާދުގެ ބަންގީގެ އަޑެވެ. އެހެންކަމުން ބަންގީގެ އަޑު އިވުމާއެކު ކުޅެ ނިންމައިލުމަށްފަހު އެކުވެރިންނާއެކު އަހަރެން މިސްރާބު ޖަހަނީ ގޮނޑު ދޮށާއި ދިމާލަށެވެ. ރަޙުމަތްތެރިންނާއެކު ވަގުތު ހޭދަކޮށް، މަޖާ ކޮށްލަން އަހަރެންވެސް ބޭނުންވާތީއެވެ. އިރުކޮޅަކުން ގެއަށް އައިސް ފެންވަރައިލާގެން އަނެއްކައިވެސް އަހަރެން ދަނީ މަދަރުސާއަށެވެ. ދަރިވަރުންނަށް އިތުރުގަޑި ނަގައިދިނުމަށްޓަކައެވެ. މަޣުރިބު ނަމާދުކޮށް ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔވައިލަން މަޑުކޮށްލާނެ ވަގުތު އަހަރެންނަށް ނުލިބެނީ އެހެންވެގެންނެވެ. މާބޮޑަށްވެސް "ބިޒީ" ކޮށް އުޅެން ޖެހޭތީއެވެ.

އިޝާ ނަމާދުގެ ވަގުތުގައިވެސް އުޅެންޖެހެނީ މަދަރުސާގައެވެ. އިތުރު ގަޑިތައް ނަގައިދީ ނިމުމުން ދަރިވަރުން އަތުން ނަގައިފައިހުރި ފޮތްތައް މަރކު ކުރަންޖެހެއެވެ. އިރުކޮޅަކުން އަހަރެންގެ ބޮލަށް "ތެޔޮއަރާނެއެވެ." ފޮތްތައް މަރކުކޮށް ނުނިމެނީސް އަހަރެން ގެޔަށްދާން ބޭނުންވަނީ އެހެންވެގެންނެވެ. ގެޔަށްގޮސް އެނދުމައްޗަށް ވެއްޓިގަނެ، ފޯނުނަގައި ރައްޓެހިންނަށް އަހަރެން ޗެޓުކުރަން ފަށަމެވެ.

ލޯބިވަމޭ ބުނެލީމާ އެއީ ކާކުކަން ނޭނގި މުޅިން ހިތްދީގެން ވާނީ ހައިޖާން

އިންސާނާ ހައްދަވައި ގެންގުޅުއްވާ އިލާހު އިންސާނާގެ ކިބާގައި ލެއްވެވި މަޢުނަވީ ސިފަތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއްސިފަޔަކީ ލޯތްބެވެ. އެކިއެކި ޙާލަތްތަކުގައި ތަފާތު ގޮތްގޮތަށް މާނަކުރެވޭ މި ސިފަޔަކީ ކޮންމެ އިންސާނަކުވެސް އެދިއެދި ހުންނަ ސިފަޔަކަށް ވީހިނދު، މި ސިފަޔާމެދު ސަމާލުކަން ދޭންޖެހޭ މިންވަރުވެސް ވަކިން ކުޑައެއް ނޫނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބުތައް ވަރަށް ގިނައެވެ. ނަމަވެސް މިފަހަރު އަޅުގަނޑު އަލިއަޅުވާލާނީ ހަމައެކަނި އެއްމެ ސަބަބެއްގެ މައްޗަށެވެ. “ޒަމާނީ ޙާލަތެއްގައި ލޯބި ހައިޖާނަކަށް ވެގެންދާ ގޮތުގެ މައްޗަށެވެ.

ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ މިވަނީ މަދޮށްޓަކަށްވުރެވެސް ކުޑަވެފައެވެ. އެހެންކަމުން ދުނިޔޭގެ ދެ ތަނޑީގައި ތިބި ދެމީހަކު ބައްދަލުވެ ވާހަކަ ދައްކާލަށް މަދު ސިކުންތުކޮޅެއްވެސް ނުނަގައެވެ. އެމީހަކު އެހުރިތަނެއްގައި ހުރެ ބޭނުން މީހަކާ ބައްދަލުވުމުގެ ފުރްޞަތުވަނީ ފަހި ވެފައެވެ. ދުނިޔެއަށް އައިސްފައި މިވާ ޓެކްނޮލޮޖީ އިންޤިލާބުގެ އަވާގައި ޖެހި “ ހަފުސްވަމުންދާ ” އެއްބަޔަކީ އަޅުގަނޑުމެން ދިވެހިންނެވެ. އާދެ! އާބާދީގެ ނިސްބަތުން މޯބައިލްފޯނު އެންމެ ގިނައިން ބޭނުންކުރާ “ފަޚްރުވެރި ދިވެހިން” ނެވެ.

މިހާރަކަށް އައިސް އަޅުގަނޑުމެންގެ މުޖްތަމަޢުން ފެންނަ ބައެއް ޒުވާނުން މޯބައިލްފޯނު އަތުން ދޫކޮށްލާ ދަނޑިވަޅެއް ނާދެއެވެ. ކިޔެވުމާއި ޟަރޫރީ މުހުތާދުތައް ފުއްދަމުންދާ ޙާލަތްތަކުގައިވެސް ފޯނު އޮންނަނީ އަތުގައެވެ. އަދި ދީނީ އަޅުކަންތައް އަދާކުރާއިރުވެސް ފޯނު ނިވާލާތަނެއް ނާދެއެވެ. މިފަދަ ޒުވާނުންގެ ތެރޭގައި ފިރިންނާއި އަނބިން ވެސް ހިމެނެނީ މަދެއްކޮށެއްނޫނެވެ. މިކަމާހުރެ އެބައިމީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ވަމުންދާ އިޙްމާލު ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. ނަތީޖާއެއްގެ ގޮތުން ޢާއިލާގައި ހަމަނުޖެހުން އުފެދި ނަގިލި ކެނޑި މުޖްތަމަޢު ފަސާދަވުމުގެ އިތުރުން އެކިއެކި މަންޙަޖްތަކުގައި އުނގެނެމުންދާ ދަރިވަރުންގެ ނަތީޖާވެސް މިދަނީ ދަށްވަމުންނެވެ.

މިވާގޮތެއް އެނގިވަޑައިގަންނަވާތޯއެވެ؟ މޯބައިލްފޯނުން އިންޓަރނެޓުގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ކޮންމެވެސް ފަރާތަކާ މުޥާޞަލާތު ކުރަނީއެވެ. ދައްކާލާ “ރީތި ފޮޓޯ” އެއްގެ އަވާގައި ޖެހި ޅޮސް އުނދޯއްޔަށް އަރައި ހެއްލަން ފަށަނީއެވެ. ބިންނަމުންދާ ފެންނެތް ބޮޑެތިކާށްޓަށް ރޭރުވެ ދެވި ހިފަނީއެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވަނީއެވެ. ތާއަބަދު “ގިރިޓީލޯބީގެ ހުވަފެންތައް ފެނަންނަނީއެވެ. އެހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފޮނި އުއްމީދުގައި، އެންމެ ފަހުން ފިރިން ގާތުން ވަރިވަނީއެވެ. ފިރިން، އަނބިން ވަރިކޮށްލައެވެ. އާޚިރުގައި ޙަޤީޤަތް ހާމަވާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ކޮޅުކެހި ލިބި، ދެމީދާފެހި ބުޅަލަށް ވީވަރުވެސް ނުވެވި ތިމާ ފަޟީޙަތްވެދެއެވެ.

"ކޮންތާކުހެއްޔެވެ؟ ހައްތާ ހެދީ ދޮގެވެ! ބޮޑު މުސްކުޅިއެކެވެ! ފަސްކުދިންގެ ބަފައެކެވެ! ގެދޮރެއްވެސް ނެތް މީހެކެވެ! ކެނޑީ ހުސްފޮންޏެވެ! ފޮނުވީ އެހެން މީހެއްގެ ފޮޓޯއެކެވެ! އަހަރެން ހަމަ ރަނގަޅަށްވެސް ހައްދާލައިފިއެވެ! އަނެއްކާ އަހަރެން އޭނާއަށް ފޮނުވި ފޮޓޯއަށް ހަދާނީ ކިހިނެއްބާ....!؟ ކާކުކަންވެސް ނޭނގޭ މީހަކު، ލޯބިވެއޭ ބުނުމުން ހިތްދެވުނީމާ މިވީ ހައިޖާނަކަށެވެ." އާދެ! މިއީ މިއަދު ދިވެހިން ވިސްނާލަން ޖެހިފައިވާ ވަރަށް ނުރައްކާތެރި އިޖްތިމާޢީ ބައްޔެކެވެ.