Monday, September 28, 2009

މީ ވީ ގޮތޭ އަދު ބަދަލު ވެއްޖެޔޭ މުޅި ޒަމާން........!

މުޙައްމަދު

ތެދެކެވެ. ޒަމާން ބަދަލުވެއްޖެއެވެ. ޒަމާން ބަދަލު މިވީ ވަރަށް ގިނަގުނަ ކަންތައްތަކެއް ވެގެންނެވެ. އެތައް ބައެއްގެ މިންނެތް މަސައްކަތުންނެވެ. ގަލަމަކުން ދުލަކުން ބަޔާން ނުކުރެވޭ ފަދަ ޤުރުބާން ތަކެއް ވެގެންނެވެ. ޒަމާނަށް މިއައި ބަދަލާއެކު އަދިވެސް ދަނީ، މިރާއްޖޭގައި އެތައްކަމެއް ވަމުންނެވެ. ކަންތައްތަކެއް ހިންގަމުންނެވެ. އެހެންކަމުން މިފަދަ ޞަފްޙާމަދު ފޮތެއްގައި އެފަދަ ހުރިހާ ކަމެއް ލިޔުމަށް މުހައްންމަދުބޭ އުޒުރުވެރި ވަމެވެ. ނަމަވެސް މިރާއްޖޭގައި ކަންވީގޮތާއި ވަމުންދާ ގޮތް ކޮއްކޮމެންނަށް ވަރަށް ބޮޑަށް އޮޅިގެން އުޅޭކަމަށް ފެންނާތީ ވަމުންދާގޮތް ބުނެނުދީ ހިތަށް ހަމަޖެހުމެއް ނުލިބިގެން ގަލަން ނެގީއެވެ.

އަޑު އަހާށެވެ. ތާރީޚީ ފަތްފުށްތަކުން ހާމަވާގޮތުގައި މިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި އެންމެންނަކީ ވަޖުރަޔާނާ ބުޑިޒަމުގެ އަހުލުވެރިންނެވެ. އެބައިމީހުންނަކީ ތާކުންތާކު ނުޖެހޭ ޚުރާފީ ކަންތައްތަކެއް ޤަބޫލުކޮށްގެން ތިބި “އެޅިހާ ބަތަކަށް ރިހަ” ކީ ބައެކެވެ. ކޮއިމަލާ ކަލޯގެ ރަސްކަމުގައި ފަސްކުޅަނދު ހަމަ މާލޭގެ ރައްޔިތުން ކޮންމެ ހަނދުމަހެއްގެ ފުރަތަމަ ރޭ ބިކުރުވެރި އަންހެންކުއްޖެއް ވެދުންކުރަމުން ދިޔަ ދިޔުމުންވެސް މިކަން ސާބިތު ވެއެވެ. ރާއްޖެ އިސްލާމްވުމަށްފަހުވެސް މިރާއްޖޭގައި އުޅުނު ގިނަ ދިވެހިންނަކީ ބޮޑުވަރިހަމައިގެ މީހުންނެވެ. “އައްޔަކަސް އަނދިރިއަކަސް ވާނީ އެއްވަރޭ” ބުނެ އަބުރުވެރިންނަށް ވެގެން ހައްޕު ކިޔައިގެން ހަމަ އެކަނި ތިބީކީ ނޫނެވެ. ކާބަފައިން ބުރަ މަސައްކަތުން ބާނައިގެން ގެންނަ މަސްކޮޅާއި އިންދާ ހެއްދި ރުއްގަހުގެ މޭވާއަށް ދަންދެން ވެރިންނަށް ވެދުން ވެސް ކުރިއެވެ.

ކޮންމެއަކަސް މީ ދައްކާ ކޮޅުންލާން އޮތް ވާހަކަތަކެއް ނޫނެވެ. މުހަންމަދު ބެއަށްވުރެ ރަނގަޅަށް، މާ ގާތުން މިކަން ތަޖްރިބާކުރި މީހުން މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. މިކަހަލަ ފާގަތި ކަސްތޮޅެއްގައި ތިބެ ދުވަސްތައް ފަހަނަޅައި ގޮސް މުހަންމަދުބޭ ހަނދާން ހުންނަނީ އަށްޑިހައިގެ އަހަރުތަކުން ފެށިގެންނެވެ. އެހެންކަމުން މިލިޔުމުގައި ބަލައިލާނީ 80 ގެ އަހަރުތަކުން ފެށިގެން މިދީބުގެ ކަންތައްތައް ވަމުންދާގޮތުގެ މައްޗަށެވެ. އެ ހިސާބުން ފެށިޔަސް ބުނެލަންހުރި ވާހަކަތައް ލައްކަ ގިނައެވެ. އެހެނަސް ބައެއް ވާހަކަތައް ހާމަކޮށްލެވޭތޯ ބަލާނަމެވެ.

މުހައްމަދުބޭ ވެސް ކުރިން ހީކޮށްގެން ހުރީ ކޮއްކޮމެންވެސް ތިޔަ ހީކުރި ގޮތަށެވެ. ރައީސުލް ޖުމްހޫރިއްޔާއޭ ބުނެފިއްޔާ ފަހަތަށް އަންނަން ޖެހޭނީ އަލްއުސްތާޛް ކަމަށެވެ. ކޮންމެ ޙާލަތެއްގައި ކޮންމެ މަކާނެއްގައިވެސް ބަސް ވިދާޅުވަން ޖެހޭނީ ދީނާގުޅުވައިގެން ޤުރްއާނާއި ސައިންސްގެ އަލީގައި ކަމަށެވެ. ވާތުލޯފުޅު ނުގޮތަކަށް ތޮޅެލިޔަސް ޚާއްޞަ ޑޮކްޓަރަކަށް ދައްކަވަން ސިންގަޕޫރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މިފަދަ ޢިއްޒަތާއި މާތްކަށް ލިބިވަޑައިގެންފައިވާ ޤަދަރުވެރި ބޭފުޅަކާމެދު ކުޑައިމީސް ބަހެއް ބުނެފިނަމަ ކުށްވެރިވާނެ ކަމަށެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރެއްވިޔަސް ފެނިގެން ނުވާނެ ކަމަށެވެ. ވަމުން ދިޔައީވެސް އެހެންނެވެ. ބަހެއް ބުނެލައިގެން ސިޓީއެއް ލިޔެގެން ކުށްވެރިވެ ކުޑަ ގޮޅީގައި ޢުމުރުގެ ބޮޑުބައި ހޭދަކޮށްލި ދިވެހި ދަރިން ބައިވަރެވެ. ނަމަވެސް ގިނަ ރައްޔިތުން ތިބީ “އަދަބާ ލަނބައިބޯ” ކިޔައިލަ ކިޔައިލަ އެވެ. އަރިހު ބޭކަލުން ދަންނަވަމުން ދިޔައީ ހަމަ އާދޭހެވެ! ތިޔަ ވިދާޅުވީ ހަމަ ތެދު ފުޅެކެވެ. މަނިކުފާނަށް ހަމަ ސާބަހެވެ.

މަނިކުފާނު ފަދަ ވެރިއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ. އަދި އެއް ދައުރު ހުރެދެއްވާށެވެ. ޢުމުރުފުޅު ދިގުދަންމަވާށިއެވެ. އެވެރިންގެ ފަސްކުޅަނދު މަދުވާނެއެވެ. މަނިކުފާނު ވިދާޅުވެއްޖެއްޔާ ދުވާލު، ރޭގަނޑުކަމަށްވެސް ޤަބޫލު ކުރާނެއެވެ. ސައްތައިން ސައްތަ ތާޢީދު ހޯދައިދޭނަމެވެ. ވިދާޅުވާކަމަށް ވެއެވެ. ތިޔަކަން ތިމަން މަނިކުފާނުވެސް ދެނެވަޑައިގަންނަވަމެވެ. ފަލަކީ ހިސާބުތަކުން ދައްކަނީވެސް ހަމަ ތިޔަ ވިދާޅުވި ގޮތަށެވެ. ކުރިޔަށް ގެންދަވާށެވެ. ތިޔަބޭފުޅުންނަށް ނުވާނެ ކަމެއް މަނާކަމެއް ނޯންނާނެއެވެ.

އިންތިޚާބުގެ ކަންތައްތައް އޮންނަނީ ކިހިނެއްހެޔެވެ؟

ޖަވާބުދޭން ވަރަށް ފަސޭހަސުވާލެކެވެ. އޮންނަނީ ކަތުރު ފަންޏެއް ހެއްނެވެ. ބައެއް ފަހަރު ފޫނެތް ފާއެއްގެ ސިފާގައިވެސް އޮވެއެވެ. ބައެއް ރަށް ރަށުގައި ޖަހަން ޖެހެނީ ކުޑަކާފެއް ނުވަތަ ބޮޑު ކާފެކެވެ. ރަސްގެ ލައިފިއްޔާ ކަތުރު ފަނި ކާލައެވެ. ނުނީ ވޯޓުފޮށި ފުރިގެން ބަންޑުންޖަހާލަން ޖެހިދެއެވެ. އަދި އެއްމެ ހެއްވާ ކަމަކީ ބައެއް ރަށްރަށުގައި ރައްޔިތު މީހާއަށް މާބޮޑު މަސަކަތެއް ކުރަން ނުޖެހޭތީއެވެ. ލާން ބޭނުންވާ ފާހަގަ ސިއްސިއްރުން ކަތީބަށް ނަންގަނެލާފައި ގެއަށް އައިމަ ނިމުނީއެވެ. ސިއްރު ވޯޓުލައްވައިދެއްވަނީ ކަތީބެވެ. އެހާވެސް ހިންގުންތެރިއެވެ. ފެންނަންޏާ ބޮޑު ކާފެއް ނުފެންނަންޏާ ކުޑަ ކާފެއް ޖަހައި ފޮށްޓަށް ވައްޓާލަން ކަތީބަށް ނުދިނުމުން ވޯޓުފޮށިމަތީ އަތް އަޅާ، ބަނޑުޖަހައި މާރާމާރީ ހިންގައިފަވެސް އެބަހުއްޓެވެ.

މިހެން ނަހަދާ ރައްޔިތުން ޖަހާނެ ފާހަގައެއް ޖަހަން ދޫކޮށްލާ ރަށްރަށުގެ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާ ނެރެނީ ދަންވަރު ބިގަރު ދިއްލައިގެން ބޮޑު 16 ގެ މީހުންގެ ޖަމާޢަތަކުންނެވެ. މާލެ ގެނެސް ގުނާލާއިރު އޮންނަނީ އެއްމެ ރަސްގެ އެކެވެ. ނަތީޖާ އިޢުލާން ކުރުމުން މުހަންމަދުބޭ ހީކުރީ ރަސްގެ ޖެހީ ހަމައެކަނި މުހަންމަދުބޭ އެކަނި ކަމަށެވެ. ބަކުރުބޭ ގާތުގައި އަހައިލީމާ ބަކުރުބޭ ބުނީ ރަސްގެ ޖެހީ އޭނާކަމުގައެވެ. ކާސިމްބޭވެސް ދިނީ ހަމަ މިޖަވާބެވެ. އަޅެ! މިވާގޮތަކާމެދު ކޮއްކޮމެން ނިކަން ފިކުރުކޮށްލާފައި މުހަންމަދުބޭ އަށް އަންގާލަ ދީފާނަންހެއްޔެވެ؟ މަރުނުވެ ދުނިޔޭގަ ހުރިއްޔާ ދެން ނުކުންނަ ޢަދަދެއްގައި ކޮއްކޮމެންގެ ޖަވާބުތައް ލިޔެލާނަމެވެ. އިންތިޒާރު ކޮށްލާށެވެ. *

No comments:

Post a Comment