Monday, September 28, 2009

އެންމެންވެސް އުޅެނީ އަމިއްލަ އެދުމައިގެންނެވެ

އާމިނަތު ރަޝީދާ (ދޮންކަމަނަ)

އަހަރެމެން އެންމެންނަކީވެސް އެއްބަނޑު އެއްބަފާ އަޚުންތަކެއް ފަދަ ބައެކެވެ. އެކަކަށް ދިމާވާ ހިތާމައެއްގައި އަނެކަކު ބައިވެރިވަނީ ހިތުގެ އެންމެ ފުންމިނުންނެވެ. އެއްވެސް ދެއްކުންތެރި ކަމެއްނެތެވެ. ނަމަވެސް މިޒަމާނުގައި ކަންތައްތައް ވަމުންދަނީ މިކަންތައްތަކާ އިދިކޮޅަށެވެ. މަންމައެއް ބައްޕައެއް ތިމާގެ މީހެއް ރައްޓެއްސެއްކަށް ބެލުމެއްނެތި އެމީހަކު ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރަމުންދެއެވެ. އަނެކާގެ ހިތަށް ކުރާނެ އަސަރަކާއިމެދު ކުޑަކޮށްވެސް ވިސްނާލުމެއްނެތިއެވެ. ވީއިރު އެންމެންވެސް އުޅެނީ އަމިއްލަ އެދުމައިގެންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަހަރެމެން މީ އިންސާނުންނެވެ. ކުށްކުރެވޭނީވެސް އިންސާނުންނަށެވެ. އެކުށަށް މަޢާފް ދިނުމަކީވެސް ހަމަ އިންސާނުންގެ އަތްމަތީގައިވާ ކަމެކެވެ. ނަމަވެސް މިކަން ހަނދުމަ ހުންނާނީ ކިތައް މީހުން ބާވައެވެ. އަނެކާގެ މެޔަށް ހަންޖަރެއް ދޫކޮށްލުމަކީ މިހާރުގެ ކުދިންނަށް އެއްވެސް ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އެމީހަކަށް ލިބޭ އުފަލެއްކަމުގައި ދެކެއެވެ. ލިބުނީ ބޮޑު ކާމިޔާބެއްކަމުގައި ދެކެއެވެ. ނަމަވެސް ދަންނަވަން ތޯއެވެ؟ ދުޝްމަނެއްގެ ފަރާތުން ފޮނުވާލެވޭ ހަންޖަރަކަށްވުރެ، ރިހުން ގަދައީ ގާތް މިތުރެއްގެ ފަރާތުން ފޮނުވާލެވޭ ހަންޖަރަކުންނެވެ. ނަމަވެސް އެހެންމީހަކަށް ދެރައެއް ލިބުމަކީ މިހާރު މިއުޅޭ ކުދިންނަށް ލިބޭ ނެތްވަރުގެ ބޮޑު ކާމިޔާބީއެކެވެ. އެއީ ބޮޑު ހަފްލާއަކައް ނުވި ކަމުގައިވިޔަސް ހިތުގެ އަޑިން އުފާފާޅު ކުރަމުންދެއެވެ.

ކުރާނެ ކަމެއްނެތެވެ. ދުނިޔެ މިއޮތީ އެމީހަކު ހިތުހުރިގޮތަކަށް އުޅޭށެވެ. އުފާކުރަންވީއެވެ. މަޖާކުރަންވީއެވެ. ނަމަވެސް އެހެންމީހުންނާ ދޭތެރޭވެސް ވިސްނާލުން ބުއްދިވެރިއެވެ. ތިމާއަށް މޮޅުގޮތާއި ކާމިޔާބު ލިބުމަށް އެދޭއިރު، އެހެންމީހުންނަށްވެސް އެފަދަ ކާމިޔާބެއް ލިބުމަށް ނޭދެންވީ ފަހެ ކީއްވެހެއްޔެވެ؟ އެއީވެސް އަހަރެމެން ކަހަލަ އިންސާނުންނެވެ. އެމީހުންވެސް އުފައްދާފައިވަނީ މަހާއި ކައްޓާއި ލެއިންނެވެ. އެމީހުންގެވެސް ހިތެއް ވެއެވެ. ހަމަތިމާއަށް އަސަރުކުރާ ފަދައިން އެމީހުންނައްވެސް އަސަރުކުރާނެއެވެ. ދެރަވެސް ވާނެއެވެ. ހިތުގައިވެސް ޖެހޭނެއެވެ. އަހަރެމެންނާ ދޭތެރޭ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކަންތައްތައް ކުރި ކަމުގައިވިޔަސް، އަހަރެމެން އެމީހަކާ ދޭތެރޭ ރަނގަޅަށް ކަންތައްތައް ކޮށްދެވޭތޯ ބަލާށެވެ. އޭރުން ފެންނާނީ އުޖާލާކަމެވެ. މިއީ ޝައްކެއް ވަސްވާހެއް ހުރި ކަމެއްނޫނެވެ. ހަމަ ހަޤީގަތެވެ.

މީހާ ހުންނަ ގޮތަކުން އެއީ ކޮންކަހަލަ މީހެއްކަމެއް އެއްގޮތަކައްވެސް ނޭނގޭނެއެވެ. އުއްބައްތި އަލީގައި ރީތިވާ އެއްޗެއް އިރުގެ އަލީގައި ރީތި ނުވެދާނެއެވެ. އެމީހާގެ ގޮތް ރަނގަޅަށް އެނގޭނީ އެއްއޮޑިއަކުން ދަތުރު ކޮށްލީމައެވެ. އެއްވެސް މީހެއްގެ ހިތުގައިވާ އެއްޗެއް އަނެކާއަށް ނޭނގޭނެއެވެ. ބޭރުން ވަރަށް ރަނގަޅު ކަމަށް ހެދިގެން، ހިތުގައި ހަސަދަވެރިކަން ބާއްވައިގެން އުޅޭ މީހުންވެސް މިހާރު މަދެއްނޫނެވެ. ކުރާނެ ކަމެއްނެތެވެ.

ކޮންމެ މީހަކުވެސް ދެކެނީ ތިމާމީ އެންމެ ވިސްނޭ އެއްމެ މޮޅު މީހާ ކަމުގައެވެ. ތިމާގެ ކުށެއް އެއްގޮތަކަށްވެސް ތިމާއަކައް ނުފެންނާނެއެވެ. އެހެންމީހުންގެ ކުއް ދައްކަމުން، އެހެންމީހުން ގޯސްކުރަމުން ވާހަކަދައްކާއިރު، އެންމެ ފުރަތަމަ ތިމާ ހުރީ ކިހާ ފެންވަރެއްގައިތޯ ބަލާށެވެ. މީހަކާ ދޭތެރޭ ކަމެއް ކުރާއިރު ނުވަތަ އެއްޗެއް ބުނާއިރު ފަހުންވާނެ ގޮތަކާ ދޭތެރޭ ވިސްނާށެވެ. "ހަލާދަނޑީގެ ދެކޮޅު ބަލާށޭ" ބުނާ ފަދައިންނެވެ. ތިމާއަށް ކަމެއް ދިމާވުމުން، ތިމާއަށް އަސަރުކުރާނެ ފަދައިން އެހެންމީހުންނަށްވެސް އެފަދަ ކަމެއް ދިމާވުމުން، އަސަރުކުރާނެކަން ނޭނގެނީ ކީއްވެގެންބާވައެވެ؟ އެނގޭނަމަ މިހާރު ކަންތައްތައް ވަމުން މިދާގޮތަށް ކަންތައްތައް ނުވާނެކަން ޔަޤީނެވެ. ނަމަވެސް މިފަދަކަމަކަށް ކުޑަކޮށްވެސް ހީއެއްކޮށްލުމަކީ ނުވަތަ އެފަދަ ގޮތަކަށް ވާނެބާއޭ ހިތަށް އެރުމަކީވެސް ބޭކާރުކަމެކެވެ.

ދެންފެންނަމުންދާ ނަތީޖާ މާހިތްދައްޗެވެ. އެންމެންނަކީވެސް ތިމާގެ ދުޝްމަނުން ކަމުގައި ދެކެއެވެ. އެކަކު އަނެކަކައް ހިނިތުންވެލާ މަންޒަރުވެސް ނުފެންނާނެއެވެ. ތިމާގެ އެކުވެރިން ނުވަތަ ތިމާޔާ އެއްލޭ ހިނގާ މީހުންނަކީ ތިމާގެ ހަތުރުން ކަމުގައި ބަލައެވެ. ނަމަވެސް މިފަދަ މީހުންނަށް ފަހުންލިބޭ ހިތާމަ މާބޮޑެވެ. ދުނިޔޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުލިބި އެއްވެސް މީހެއްގެ ލޯތްބެއް އަޅާލުމެއް ހަމްދަރުދީއެއް ނުލިބި ދިރިއުޅެން ޖެހެއެވެ. އެންމެފަހުން ތިމާމީ އުނިމީހެއް ކަމުގައި އިޙްސާސް ކުރެވެން ފަށައެވެ. ތިމާގެ ގައިން އެއްބައި މަދުކަމުގެ އިޙްސާސް ކުރެވެން ފަށައެވެ. ވާންވީގޮތް ވީއެވެ. ކުރާނެ އެއްވެސް ކަމެއް ހަދާނެ އެއްވެސް އެއްޗެއް ނެތިފަ އެކަނިވެ ބިކަހާލުގައި އުޅެން ޖެހުނީއެވެ.

"ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގާ ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހޭ އުމުރައް މުޅިން"

No comments:

Post a Comment