އިންސާނާ ހައްދަވައި ގެންގުޅުއްވާ އިލާހު އިންސާނާގެ ކިބާގައި ލެއްވެވި މަޢުނަވީ ސިފަތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއްސިފަޔަކީ ލޯތްބެވެ. އެކިއެކި ޙާލަތްތަކުގައި ތަފާތު ގޮތްގޮތަށް މާނަކުރެވޭ މި ސިފަޔަކީ ކޮންމެ އިންސާނަކުވެސް އެދިއެދި ހުންނަ ސިފަޔަކަށް ވީހިނދު، މި ސިފަޔާމެދު ސަމާލުކަން ދޭންޖެހޭ މިންވަރުވެސް ވަކިން ކުޑައެއް ނޫނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބުތައް ވަރަށް ގިނައެވެ. ނަމަވެސް މިފަހަރު އަޅުގަނޑު އަލިއަޅުވާލާނީ ހަމައެކަނި އެއްމެ ސަބަބެއްގެ މައްޗަށެވެ. “ޒަމާނީ ޙާލަތެއްގައި” ލޯބި ހައިޖާނަކަށް ވެގެންދާ ގޮތުގެ މައްޗަށެވެ.
ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ މިވަނީ މަދޮށްޓަކަށްވުރެވެސް ކުޑަވެފައެވެ. އެހެންކަމުން ދުނިޔޭގެ ދެ ތަނޑީގައި ތިބި ދެމީހަކު ބައްދަލުވެ ވާހަކަ ދައްކާލަށް މަދު ސިކުންތުކޮޅެއްވެސް ނުނަގައެވެ. އެމީހަކު އެހުރިތަނެއްގައި ހުރެ ބޭނުން މީހަކާ ބައްދަލުވުމުގެ ފުރްޞަތުވަނީ ފަހި ވެފައެވެ. ދުނިޔެއަށް އައިސްފައި މިވާ ޓެކްނޮލޮޖީ އިންޤިލާބުގެ އަވާގައި ޖެހި “ ހަފުސްވަމުންދާ ” އެއްބަޔަކީ އަޅުގަނޑުމެން ދިވެހިންނެވެ. އާދެ! އާބާދީގެ ނިސްބަތުން މޯބައިލްފޯނު އެންމެ ގިނައިން ބޭނުންކުރާ “ފަޚްރުވެރި ދިވެހިން” ނެވެ.
މިހާރަކަށް އައިސް އަޅުގަނޑުމެންގެ މުޖްތަމަޢުން ފެންނަ ބައެއް ޒުވާނުން މޯބައިލްފޯނު އަތުން ދޫކޮށްލާ ދަނޑިވަޅެއް ނާދެއެވެ. ކިޔެވުމާއި ޟަރޫރީ މުހުތާދުތައް ފުއްދަމުންދާ ޙާލަތްތަކުގައިވެސް ފޯނު އޮންނަނީ އަތުގައެވެ. އަދި ދީނީ އަޅުކަންތައް އަދާކުރާއިރުވެސް ފޯނު ނިވާލާތަނެއް ނާދެއެވެ. މިފަދަ ޒުވާނުންގެ ތެރޭގައި ފިރިންނާއި އަނބިން ވެސް ހިމެނެނީ މަދެއްކޮށެއްނޫނެވެ. މިކަމާހުރެ އެބައިމީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ވަމުންދާ އިޙްމާލު ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. ނަތީޖާއެއްގެ ގޮތުން ޢާއިލާގައި ހަމަނުޖެހުން އުފެދި ނަގިލި ކެނޑި މުޖްތަމަޢު ފަސާދަވުމުގެ އިތުރުން އެކިއެކި މަންޙަޖްތަކުގައި އުނގެނެމުންދާ ދަރިވަރުންގެ ނަތީޖާވެސް މިދަނީ ދަށްވަމުންނެވެ.
މިވާގޮތެއް އެނގިވަޑައިގަންނަވާތޯއެވެ؟ މޯބައިލްފޯނުން އިންޓަރނެޓުގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ކޮންމެވެސް ފަރާތަކާ މުޥާޞަލާތު ކުރަނީއެވެ. ދައްކާލާ “ރީތި ފޮޓޯ” އެއްގެ އަވާގައި ޖެހި ޅޮސް އުނދޯއްޔަށް އަރައި ހެއްލަން ފަށަނީއެވެ. ބިންނަމުންދާ ފެންނެތް ބޮޑެތިކާށްޓަށް ރޭރުވެ ދެވި ހިފަނީއެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވަނީއެވެ. ތާއަބަދު “ގިރިޓީލޯބީގެ” ހުވަފެންތައް ފެނަންނަނީއެވެ. އެހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފޮނި އުއްމީދުގައި، އެންމެ ފަހުން ފިރިން ގާތުން ވަރިވަނީއެވެ. ފިރިން، އަނބިން ވަރިކޮށްލައެވެ. އާޚިރުގައި ޙަޤީޤަތް ހާމަވާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ކޮޅުކެހި ލިބި، ދެމީދާފެހި ބުޅަލަށް ވީވަރުވެސް ނުވެވި ތިމާ ފަޟީޙަތްވެދެއެވެ.
No comments:
Post a Comment