ފަތިސްއެވެ. އަހަރެންނަކީ ދެމިފެރިއަކަށް ލިބިފައިވާ 6 ފިރިހެން ކުދިންގެ ތެރެއިން 2 ވަނަ ފިރިހެން ދަރިއެވެ. އަހަރެންގެ އުމުރަކީ 19 އަހަރެވެ. އަހަރެން ލޯބިވާ ކުއްޖާ ދިރިއުޅެމުން ގެންދަނީ އަހަރެންގެ ރަށުގެ އަހަރެން ދިރިއުޅޭ އަވަށްނޫން އަނެއް އަވަށުގައެވެ. އަހަރެން އޭނާ ދެކެ ވަރަށް ލޯބި ވެއެވެ. އަހަރެން އޭނާ ދެކެ ލޯބި ވެވުނީ އަހަރެން އޭނާއަށް ފޮނުވި ލޯބީގެ އެސް.އެމް.އެސް އަދި އެމް.އެމް.އެސް.ތަކަކުން ނެވެ. އެ ގޮތުން އޭނާ އަށް އަހަރެން 1000 އެސް.އެމް.އެސް އެއް މަސް ދުވަހު ތެރޭގައި ފޮނުވީ މެވެ. އެކަމަކު އަހަރެން އޭނާއަށް ލޯތްބެއް ހުށައެއް ނާޅަމެވެ. އޭނާ ވެސް އަހަރެން ނަކަށް ލޯތްބެއް ހުށައެއް ނާޅައެވެ. އަހަރެންނަށް ހީވެފައި އޮންނަނީ އަހަރެން ލޯބި ހުށަ އަޅާ އިރަށް އޭނާ ޤަބޫލު ކުރާނެ ކަމަށެވެ. މިހާރަކަށް އައިސް އަހަރެންގެ ވަރަށް ގާތް ރަޚްމަތްތެރިންނާއި ނުދަންނަ މީހުންނާއި ކުދިންވެސް އަހަރަމެން ދެމީހުންނާ އަޅުވާ ކިޔައެވެ. މިކަމާ އަހަރެން ވަރަށް އުފާ ވެއެވެ. އަހަރެން އޭނާ ދެކެ ލޯބިވާކަން މިހާރު ވަނީ އޭނާ ގެ މަންމަ އަށް ވެސް އެނގިފައެވެ. މަންމަ މި ކަމާ ވަރަށް ޤަބޫލު ކަމަށް، އަހަރެންނަށް ވަރަށް ގާތް ރަހުމަތްތެރިން ވެސް ބުނެއެވެ. މިއީ އަހަރެން އެންމެ އުފާވާ ސަބަބެވެ. އެކުވެރި ފަތިސްއެވެ. އަހަރެން އޭނާ އާ ރައްޓެހިވާން ބޭނުމެއް ނޫނެވެ. ސަބަބަކީ އޭނާ އަކީ އަހަރެންގެ އަވަށުގެ ކުއްޖަކަށް ނުވާތީ އެވެ. ނަމަވެސް އޭނާ ދެކެ ވަރަށް ލޯބި ވެއެވެ. އަހަރެން ދެކޭ ގޮތުގައި ލޯބި ވެވޭނީ އެކަކު ދެކެ އެއް ފަހަރު އެވެ. އަހަރެން މި ކަމުގައި ދެން ހަދާނީ ކިހިނެއް؟ =އެޗް ކޭ =
ޖަވާބު: އެޗް އެވެ. ތިޔައީ ވަރަށް ނަސީބު ރަނގަޅު މީހެކެވެ.ސަބަބަކީ ހެޔޮލަފާ މައިދާތައެއް ލިބުމުގެ ފުރުޞަތު ފަހިވެފައި އޮތީމައެވެ.އޭނާގެ މަންމަ ޤަބޫލުވުން އެއީ ތިޔަ ގުޅުން ނުފަށާ ލަސްކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެޗް އެވެ. އަވަހަށް ތިކަން ކުރަން ފަށަންވީއެވެ. އަވަށު ކުއްޖަކަށް އޭނާ ނުވުން އެއީ މައްސަލައެއް ނޫނެވެ. ހަޔާތުގެ ބައިވެރިއަކަށް ކުއްޖަކު ހޯދާއިރު ތިމާގެ މާހައުލާއި ވީހާ ދުރުން ކުއްޖަކު ހޯދުމަށް ނަފުސާނީ ޢިލްމުވެރިން ލަފާދެއްވައެވެ. ސަބަބަކީ ރަށްފުށުގެ މާހައުލުގައި އާއިލީ މައްސަލަތައް އެންމެ ބޮޑުކަމަށް ފެންނަނީ އަވަށްޓެރިންނާއި ކަމަށްވާތީއެވެ. ހަމައެހެންމެ، އެހެން އަވަށަކުން ކުއްޖަކު ހޯދާފި ނަމަ އެޗްއަށް އެ އަވަށުން ރަޙްމަތްތެރިންތަކެއް ލިބޭނެތާއެވެ. އަނެއްކޮޅުން އެޗް ފިރިހެނަކަށްވެ ހުރެ ތިޔަގުޅުން ކައިވެންޏަކާ ހަމައަށް ދިއުމުން، އޭނާ އެޗްގެ ގެއަށް ބަދަލުވާން ޖެހޭނެތާއެވެ. އެހިނދުންވެސް އެޗް އުޅޭނީ ހަމަ އެޗްގެ އަވަށުގަތާއެވެ. ކައިވެނިކޮށްގެން އަނބިމީހާގެ ގެއަށް ފިރިމީހާ ބަދަލުވުން އެއީ މާބޯދާ ކަޓް ސަގާފަތެކެވެ. އަނެއްކޮޅުން އެޗްގެ ތިޔަ ގުޅުމަށް އެޗްގެ ރަޚްމަތްތެރިން އެދިއެދި ތިބޭކަން ދޭހަވެއެވެ. އެމީހުން އަޅުވާ ކިޔަނީ އެހެންވެގެންނެވެ.އަޅުވާ ކިޔުމަކީ އިސްތިރިއެއްކަން އެމީހުން ދަންނަނީއެވެ.ދެން ވިސްނަންވީ ކަމަކީ ތިމާދެކެ ލޯބިވާ ކުއްޖަކު ހޯދުމަށެވެ. އޭނަވެސް އެޗްދެކެ ލޯބިވެއެވެ.ލޯބިވާ ދެމީހުން ކައިވެނީގެ ގޮތުން ގުޅުމަކީ ކައިވެނި ބާއްޖަވެރި ވުމަށް ކޮށާލެވޭ މަގެކެވެ.އެޗް އެވެ. އަހަރެންގެ ވާހަކައެއް ޤަބޫލުކުރަންޏާ ލަސްނުކޮށް އެކުއްޖާއަށް ތިކަން ހާމަކުރާށެވެ. އެސް.އެމް.އެސް. އަކުން ނަމަވެސް އެވެ. އެހެން ނޫނީ ތެޔޮނާށި ކާޅުޖަހައިގެންފާނެއެވެ.ނޫނީ ހިތުލީބޮލި އެހެންމީހަކު ނަގާފާނެއެވެ. އޭރުން އެޗްގެ ހިތަށް މާ އަސަރު ކުރާނެއެވެ. އާޚިރުގައި އެޗްގެ ހިތްވެސް "ކުޑަ ހަސަންބޭގެ މުގުރަށް ވީ ގޮތަށް ވެ ނިމިދާނެއެވެ".
ޖަވާބުދިނީ ފަތިސް
No comments:
Post a Comment