Monday, September 7, 2009

މުދައްރިސެވެ. ވަގުތަކީ ހޯދީމަ ލިބޭ އެއްޗެކެވެ.

ކޮންމެ ދުވަހަކުވެސް ނިދިން ހޭލެވޭއިރު އަހަރެންގެ ސިކުނޑިއަށްވަނީ ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން ބަރުކަން ލިބިފައެވެ. ލަހުން ނިދުމުގެ ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ހޭލެވެނީވެސް ލަހުންނެވެ. ފަތިސް ނަމާދު ނުކޮށް މަސައްކަތައިގެން ކުރިޔަށް ދާންޖެހެނީ އެހެންވެގެންނެވެ. ހޭލެވޭއިރު ހުންނަނީ ވަގުތު ކުޑަތަންވަޅު ވެފައެވެ. ނުތަންވަޅުވެފައެވެ. ފަތިސް ނަމާދު ކޮށްލާނެ ވަގުތެއް ނުލިބެއެވެ.

ފެންވަރާލައިގެން ދެންދަނީ މަދަރުސާއަށެވެ. އެތައް ކުދިންނަކަށް މަގުދައްކައިދީ ތަރުބިއްޔަތު ކުރުމުގެ ޒިންމާ އެވަގުތުން ފެށިގެން އަހަރެންގެ ބޮލުގައި އެޅުނީއެވެ. މެންދުރު ނަމާދުގެ ވަގުތު ފާއިތުވެގެންދަނީ އެތަނުގައި އުޅެނިކޮށެވެ. މަދަރުސާއިން ނިމިގެން ގެޔަށް އާދެވޭއިރު އަހަރެންގެ ސިކުނޑި ހުންނަނީ އެތައް ކުދިންނެއްގެ ޝަކުވާއިން ފުނިޖެހިފައެވެ. ވެފައިހުންނަ ބަނޑުހައި ހޫނުކަމާއެކުވެސް ގެޔަށްވަދެވުމާއެކު ތަނެއްގައި ޖައްސާލެވެނީ އެހެންވެގެންނެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. އަރާމުކޮށްލުމުގެ ނިޔަތުގައެވެ. އިރުކޮޅަކުން އަހަރެންނަށް އޮންނަނީ ނިދިފައެވެ. ހަމަނިދިވެސް ނުލިބޭތީއާ އެކުގައެވެ.

އަނެއްކާވެސް ހޭލެވޭއިރު ހުންނަނީ ޢަޞްރު ނަމާދު ޖަމާޢަތުގައި ނުކުރެވޭހައި ލަސްވެފައެވެ. ހޭލެވުމާއެކު ފުރަތަމަވެސް އަހަރެން ބޭނުންވަނީ ބަނޑުހައި ހޫނުކަން ފިލުވައިލާށެވެ. އެނދުން ހިއްލައިލާ ގޮތަށް "ކާގެ" އާ ދިމާއަށް މިސްރާބު ޖެހެނީ އެހެންވެގެންނެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި މާތް ދެއްވި ރިޒުޤުން ހައިހޫނުކަން ފިލުވުމަށްފަހު ދެން އަހަރެން މިސްރާބުޖަހަނީ ފުޓުބޯޅަ ދަނޑާއި ދިމާއަށެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި، އަހަރެންވެސް އަމިއްލަ ހަށިގަނޑަށް ކަސްރަތު ދޭން ބޭނުންވާތީއާވެސް އެކުގައެވެ. އެހެންކަމުން އަޞުރު ނަމާދު ކޮށްލާނެ ވަގުތުވެސް އަހަރެންނަކަށް ނުލިބެއެވެ.

ކުޅެ ނިންމާލުމަށްޓަކައި ރެފުރީ ފުމެލާ ފަހު ކަށިގަނޑު ކަމުގައި އަހަރެމެން ހަދަނީ މަޣުރިބު ނަމާދުގެ ބަންގީގެ އަޑެވެ. އެހެންކަމުން ބަންގީގެ އަޑު އިވުމާއެކު ކުޅެ ނިންމައިލުމަށްފަހު އެކުވެރިންނާއެކު އަހަރެން މިސްރާބު ޖަހަނީ ގޮނޑު ދޮށާއި ދިމާލަށެވެ. ރަޙުމަތްތެރިންނާއެކު ވަގުތު ހޭދަކޮށް، މަޖާ ކޮށްލަން އަހަރެންވެސް ބޭނުންވާތީއެވެ. އިރުކޮޅަކުން ގެއަށް އައިސް ފެންވަރައިލާގެން އަނެއްކައިވެސް އަހަރެން ދަނީ މަދަރުސާއަށެވެ. ދަރިވަރުންނަށް އިތުރުގަޑި ނަގައިދިނުމަށްޓަކައެވެ. މަޣުރިބު ނަމާދުކޮށް ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔވައިލަން މަޑުކޮށްލާނެ ވަގުތު އަހަރެންނަށް ނުލިބެނީ އެހެންވެގެންނެވެ. މާބޮޑަށްވެސް "ބިޒީ" ކޮށް އުޅެން ޖެހޭތީއެވެ.

އިޝާ ނަމާދުގެ ވަގުތުގައިވެސް އުޅެންޖެހެނީ މަދަރުސާގައެވެ. އިތުރު ގަޑިތައް ނަގައިދީ ނިމުމުން ދަރިވަރުން އަތުން ނަގައިފައިހުރި ފޮތްތައް މަރކު ކުރަންޖެހެއެވެ. އިރުކޮޅަކުން އަހަރެންގެ ބޮލަށް "ތެޔޮއަރާނެއެވެ." ފޮތްތައް މަރކުކޮށް ނުނިމެނީސް އަހަރެން ގެޔަށްދާން ބޭނުންވަނީ އެހެންވެގެންނެވެ. ގެޔަށްގޮސް އެނދުމައްޗަށް ވެއްޓިގަނެ، ފޯނުނަގައި ރައްޓެހިންނަށް އަހަރެން ޗެޓުކުރަން ފަށަމެވެ.

No comments:

Post a Comment