Monday, September 7, 2009

މުޅިދުނިޔެ އިޤްތިޞާދީ ތަދުމަޑުކަމެއްގެ ތެރޭގައި

ދުނިޔޭގެ ކަންކޮޅުތަކުން މިހާރު އިވެމުންދާ އެންމެ ގަދަ އަޑަކީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ވާހަކައެވެ. އިޤްތިޞާދަށް ކުރިމަތިވި ތަދުމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފައިވާކަމުގެ ޚަބަރުތަކެވެ. މީން ޒަމާނަކު ދަށަށް ނުދާހާ މިންވަރަށް މުޅި ދުނިޔޭ އިޤްތިޞާދު ދަށަށް ދިޔުމުގެ ސަބަބުން ދުނިޔޭގެ ޤައުމުތައް މިހާރު ތަޙައްމަލް ކުރަމުންދާ މައްސަލަތަކުގެ ރިޕޯޓުތަކާއި އިންޒާރުތަކެވެ.

ދުނިޔޭގެ މީޑިއާއިން މެދުކެނޑުމެއްނެތި އިވެމުންމިދާ ވާހަކަތަކާމެދު ފުންކޮށް ވިސްނާލުމަކީ މިދަނޑިވަޅުގައި ވަރަށް މުހިއްމުކަމެކެވެ. އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ވެރިން ތަފާތު ބައްދަލުވުންތައް ބާއްވައި ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. އަމިއްލަ އުފެއްދުންތެރިކަމާއި މާލީ ތަނަވަސްކަމާއި ޤުދްރަތީ މުއްސަނދިކަން ލިބިފައިވާ ދައުލަތްތައް ބޮލާއަޅާލާގޮތް ވެއްޖެއެވެ. ދުނިޔޭގައި ނަންވިދަމުންދާ މަޝްހޫރު، ބޮޑެތި ބައެއް ކުންފުނިތައް ވަނީ އިނދަޖެހިފައެވެ. އަދި ބައެއް ކުންފުނިތައް ބަނގުރޫޓުވުމުގެ ސަބަބުން އުވާލަންޖެހޭ މިންވަރަށް ވިދިއްޖެއެވެ. ހަމައެހެންމެ އެފަދަ ކުންފުނިތަކުގައި ވަޡީފާ އަދާކުރަމުންދާ ގިނަޢަދަދެއްގެ މުވައްޡަފުން މިޔަދު ބަރުދާސްތުކުރަމުންދަނީ ވަޡީފާއެއް ނެތުމުގެ ހިތްދަތި އިޙްސާސްތަކެވެ.

އާދެ! ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ފޯރާފައިވަނީ ހަމައެކަނި މުއްސަނދި ޤައުމުތަކަށް އެކަންޏެއް ނޫނެވެ. އެންމެ ފަގީރު ޤައުމުތައްވެސްވަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިފައެވެ. ނުވަތަ ވެއްޓުމުގެ މަގުމަތީގައެވެ. ޚާއްޞަކޮށް ޤުދްރަތީ މުއްސަނދިކަމާއި އުފެއްދުންތެރި އިޤްތިޞާދެއް ނެތް ޤައުމަތަކަށް މިކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ވަކިން ޚާއްޞަކޮށް ދިވެހިރާއްޖެފަދަ އުފެންދުންތެރިކަމުގެ ސިނާޢަތު ދަށު ދަރަޖައެއްގައިވާ ޤައުމުތަކަށް މާ ބޮޑެވެ. މީގެ އިތުރުން ރާއްޖެއަކީ ބޭރުގެ އެހީތަކަށް ބަރޯސާ ވެފައިވާ ޤައުމަކަށްވުމާއި ދިވެހިންނަކީ ފުރެއްދަ ތަކެއްޗަށް ރޭރު ވެފައިވާ ބަޔަކަށް ވުންމުން ވެސް މިކަމުން ރާއްޖެއަށްކުރާ އަސަރު އެތައްގުނަޔަކަށް އިތުރުވެގެންދެއެވެ.

އެހެންކަމުން ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާމެދު އެންމެ ބޮޑަށް ސަމާލުވާން ޖެހިފައިވާ ޤައުމަކީ ދިވެހިރާއްޖެއެވެ. ވިސްނަންޖެހިފައިވާ ބަޔަކީ ދިވެހިންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަންނަންވީ އަޅުގަނޑުމެންނެވެ. ވީމާ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަންވީއެވެ. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރަންވީއެވެ. އިސްރާފުކުރުން ހުއްޓާލަންވީއެވެ. އަގުބޮޑުތަކެއްޗާއި ބޭކާރު ޚަރަދަށް ނޫނެކޭ ބުނެ ކެތްތެރިކަމާއެކު ހިތްތިރިކުރަންވީއެވެ.

ދުނިޔެ މިވަގުތު ތަޙައްމަލް ކުރަމުންމިދާ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން “އަރާބާރު”ގެ ފަރާތުންވެސް މިހާރުވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަށް ނިންމާފައެވެ. މިގޮތުން މަޖައްލާ ޗާޕުކުރާ ޢަދަދު މަދުކުރުމާއި މަޖައްލާގެ ބޭރުގަނޑު 4 ކުލައިން ޗާޕުކުރުމުގެ ބަދަލުގައި 2 ކުލަޔަށް ބަދަލުކުރުން ހިމެނެއެވެ. Z

No comments:

Post a Comment