Friday, November 13, 2009

ތިމާ، ތިމާއާމެދު ދެކޭގޮތަށް، އެހެންމީހުންނާމެދުވެސް ދެކޭށެވެ.

އާމިނަތު ރަޝީދާ

ނުރައްކާތެރި ބައްޔެކެވެ. އެބަލިޖެހިއްޖެނަމަ އިންސާނާގެ ހަށިގަނޑުގައިވާ ނާރުތަކުގައާއި ލޭގައި ހިފާފަދަ، އެބަލިން ސަލާމަތްވުމަށް އުނދަގޫ ބައްޔެކެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ބޮޑު މީހާއާއި ޖެހެންދެންވެސް ، އެބަލިނުޖެހޭ ހަމައެންމެ މީހަކު ނުހުންނާނެކަން ޔަޤީނެވެ. މިބަލި ޖެހިއްޖެނަމަ އެއިން ސަލާމަތްވާނީ މަދުބައެކެވެ. ވިސްނާ ފިކުރުކުރާބައެކެވެ. އެބަލިން ސަލާމަތްވުމައް ގަދަ އަޅާ މަސައްކަތް ކުރާ ބައެކެވެ. މިހާރު ތިޔަބޭފުޅުންގެ ހިތުގައި އޮންނާނީ އެއީ ކޮންބައްޔެއް ބާވައެވެ. އާދެ! އެއީ ހަސަދަވެރިކަމެވެ.

އަޅުގަނޑުމެން ދިރިއުޅެމުން މިދާ މިކުޑަކުޑަ މުޖުތަމައުގައި މިބަލި މަޑުކަން މިވަނީ ފެތުރިފައެވެ. ތިމާގެ އަހާއާއި މެދު ވިސްނާ ބަޔަކުނޫޅެއެވެ. އެއްމެންވެސް އުޅެނީ އަމިއްލަ އެދުމައިގެންނެވެ. އެކަކަށްވުރެ އަނެކަކު ކުރިއަރައި މޮޅުވުމަށެވެ. ތިމާގެ އުފަލާއި ހިތްހަމަޖެހުމައްޓަކައި ތިމާގެ އަހާއަށް ކޮންމެ ފަދަ ކަމެއްވެސް އަދި އަނިޔާއެއް ދިނުމައްވެސް މިހާރު އުޅޭމީހުން ފަހެއް ނުޖެހޭނެއެވެ.

ކޮންމެ މީހަކީވެސް އެމީހަކީ އެންމެ މޮޅު މީހަކަށް ވުމަށް އެދޭނެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އެމީހެއްގެ ހިތްއެދި ގޮވާނެއެވެ. ހިތް އަބަދުމެ އެކަމަށް އެދި ރޯނެއެވެ. ނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ ތިމާއަށް ލިބުމަށް އެދޭކަންތައްތައް އެހެންމީހުންނަށް ލިބުމަށް ނޭދޭކަމެވެ.

ތިމާގެ އެކުވެރިއަކަށް އުފަލެއް ނުވަތަ މޮޅުގޮތެއް މެދުވެރިވެއްޖެނަމަ އެކަމާ ހަސަދަވެރި ވަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުން ބާވައެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން އެމީހަކަށް ލަނޑެއްދެވޭތޯ މަސައްކަތްކުރަމުން ދާނެއެވެ. ރެއާއި ދުވާލު އޭނާކުރަމުންދާ ކަންތައްތަކަށް ކަޅިއަޅަމުންދާނެއެވެ. ކައިރީގައި ހުރެގެން ފިރުމާނެއެވެ. ނަމަވެސް ހިތުގައި އަދަމުންދާނީ ހަސަދަވެރިކަމުގެ އަލިފާނެއެވެ.

ރީތިގެއެއް ނުވަތަ ރީތި ކާރެއް އެހެންމީހަކައް ލިބިއްޖެނަމަ "ހާދަރިތިގެއެކޭ، ހާދަރީތި ކާރެކޭ، މީނާ މިއުޅެނީ ހާދައަރާމުގައޭ، މީނާއަށް ލަނޑެއްދީފައި ނޫނީ ހަމަނޭވާއެއްނުލާނަމޭ" މިގޮތައް ބުނަމުން ދަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުން ބާވައެވެ. އެކުވެރިޔާއަށް އެފަދަ ނިއުމަތެއް ލިބުމުން އެއުފަލުގައި ބައިވެރިވެ، އެކަމައް އުފާވެ، އޭނާއަށް އެފަދަ ނިއުމަތެއް ދެއްވިކަމައްޓަކައި އަށް ޝުކުރުވެރިވުމުގެ ބަދަލުގައި، ހަސަދަވެރިކަން ހިތުގައި އަޅައިގެން އުޅެނީ ކިތައްމީހުންތޯއެވެ؟ މިފަދަގޮތަކަށް އެހެންމީހުންނާ ދެތެރޭ ވިސްނަނީ ފަހެ ކީއްވެގެންތޯއެވެ؟

ވިސްނާށެވެ. ތިމާގެ ގައިގައި މީހަކު ޖަހައިފިނަމަ ތިމާއަށް ތަދުވާފަދައިން، ތިމާއެހެންމީހަކުގެ ގައިގައި ޖެހުމުން އެމީހަކައް ތަދުވާނެކަން ހަނދާންކުރާށެވެ. ދުނިޔެއަކީ އަބަދު އުޅެވޭނެ ތަނެއް ނޫނެވެ. ތިމާގެ ފަރާތުން އެހެން މީހަކައް ފައިދާއެއްވޭތޯ ބަލާނެއެވެ. ތިމާއަށް އެހެންމީހުން ކޮށްދެނީ ކޮންކަމެއްތޯ ނުބަލާށެއެވެ. ތިމާއަށް އެހެން މީހުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ ބަލާށެވެ. ވިސްނާ ފިކުރުކުރާށެވެ. އެހެންމީހުންވެސް ދުނިޔޭގައި އުޅެން ޖެހޭނެކަން ހަނދުމަކުރާށެވެ ތިމާގެ ދިރިއުޅުން ރަނގަޅުގޮތުގައި ހޭދަކުރާށެވެ. މާދަމާވެސް ދުނިޔެ ދޫކޮށް ދާންޖެހި ދާނެއެވެ. އެއިރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. ދުނިޔޭގައި އުޅޭއިރު އެހެންމީހުންގެ ލޯބި ލިބޭތޯ މަސައްކަތްކުރާށެވެ. އެކުވެރިކަމާއެކު އެންމެން އެއްބައިވެގެން ދެދުނިޔެ ލިބޭތޯ މަސައްކަތްކުރާށެވެ. އެކަކު ގަހެއް އިންދައިގެން ލިބޭމޭވާއަށްވުރެ، އެތައްބަޔަކު ބައިވަރު ގަސްތަކެއް އިންދައިގެން ލިބޭ މޭވާ ގިނަވާނެއެވެ. އެންމެން އެކުވެރިކަމާއެކު މަސައްކަތްކުރުމުން އެކުވެރިކަމަކީ، ގަދަފަދަ ބާރެއްކަން އެންމެނަށްވެސް ޔަޤީންކުރެވޭނެއެވެ.

No comments:

Post a Comment