Friday, November 13, 2009

!..................................ޞިއްޙީ ޚިދްމަތްތަކާމެދު

އެޑިޓޯރިއަލް - އޮކްޓޯބަރ 2009

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ޞިއްޙީ ފަރުވާއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދްމަތްތައް އެދެވޭ ގޮތެއްގައި ލިބެމުން ނުދާނަމަ ޤައުމުގެ ތައްރައްޤީގެ ދުވެއްޔަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެގެން ދާނެ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. އެހެނީ ފުރިހަމަ ޞިއްޙަތަކާ ނުލައި ޤައުމު ކުރިއަރުވާ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ތަޢުލީމީ މަސައްކަތްތެރި ދުޅަހެޔޮ ޖީލެއް އުފެދިގެން ނުދާނެތީއެވެ. ހަމައެހެންމެ ތަރައްޤީއާއި ތަހުޒީބަށްޓަކައި ހޭދަކުރަންޖެހޭ ފައިސާ ޞިއްޙަތަށްޓަކައި އަމިއްލަ ވަޠަނުން ބޭރުކޮށްލަން ޖެހޭތީވެސް މެއެއެވެ.

ޞިއްޙީ ދާއިރާއަށް ނަޒަރު ހިންގާލާއިރު މިރާއްޖޭގެ ވެރިރަށުން ވެސް ޞިއްޙީ ފަރުވާ އެންމެ އެކަށޭނެ ގޮތެއްގައި ލިބެން އެބަހުއްޓޭ ދެންނެވޭކަށް ޖާގައެއް ނެތެވެ. އަތްފޯރާ ފަށުގެ އަގެއްގައި ޚިދްމަތްދޭ ތަނަކުން ފަރުވާ ލިބިގަންނަށް ބޭނުންނަމަ ބަލިވުމުގެ ދެދުވަސް ކުރިން އެތަނަކުން އެޕޮއެންޓުމެންޓު ހައްދަން އެބަޖެހެއެވެ. މިފަދަ ތަންތަނުގައި ބީ.ޕީ ބަލައިލަން ގެންގުޅޭ އާލާތްވެސް އޮންނަނީ ބަލިމާނަކަށް ވުރެ ޙާލުގައެވެ. ލިބެން ހުންނަ ފަރުވާތަކަށްވުރެ ގިނައީ ނުލިބޭ ފަރުވާތަކެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހަކު، ބަލިވާ ތަނުން ޚިދްމަތް ލިބިގަންނަން އެހެންތަނަކަށް ހިނގައްޖެނަމަ އެމަހުގައި އޮންނާނީ ދަރަނި ބަޖެޓެކެވެ. އެހާވެސް ޖީބަށް ބަރެވެ. އަދި ބައެއްފަހަރު މިފަދަ ތަންތަނުން ފަރުވާ ކުރުމުން ބަލިމީހާގެ ބަލި އިތުރަށް ބޮޑުވާގޮތް މެދުވެރިވަނީ ވެސް މަދެއްކޮށެއް ނޫނެވެ. މީގެއިތުރުން ބަލިމީހާއަށް ފަރުވާކުރުމުގައާއި މުއާމަލާ ކުރުމުގައި އޯގާތެރިކަމެއް ނެތުމުގެ އިތުރުން ނުގުޅޭ ބޭހާއި ފަރުވާދޭތަންވެސް އެބަ އާދެއެވެ. އެންމެ ފަހުން ދެންޖެހެނީ ދަރާވިކިގެން ނުވަތަ ސަލާން ޖަހައިގެން ޤައުމުން ބޭރަށްގޮސް ފަރުވާ ލިބިގެންނާށެވެ.

ޞިއްޙީ ޚިދްމަތްތައް، ކުރިން މިދެންނެވި އުސޫލުން މިޤައުމުގައި އޮންނަތާ ލައްކަ ޒަމާންވެއްޖެއެވެ. އަދިވެސް ޞިއްޙީ ޚިދްމަތްތައް އޮތީ މިފަދަ ދޯހަޅި ގޮތަކަށެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ނުލިބުމުގެ އިތުރުން އިޤްތީޞާދީ ގޮތުންވެސް ރައްޔިތުން ތިބެންޖެހެނީ ހާސްކަމެއްގެ ތެރޭގައެވެ. ޢުމުރާނީ ގޮތުންނާއި މަދަނީގޮތުން ކުރަންޖެހޭ އެތައްކަމެއް ފަހަށް ޖައްސާލައިގެންނެވެ. ޤައުމުގެ ކުރިއެރުމަށާއި އެހެނިހެން ކަންކަމަށް ހޭދަކުރަންޖެހޭ ފައިސާއާއި ވަގުތުގެ ބޮޑުބައެއް ހުސްކޮށްލެވެނީ އަވަށްޓެރި ޤައުމުތަކަށެވެ. އެހެންކަމުން ސީދާ ގޮތެއްގައި މިކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަމުން މިދަނީ ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށެވެ.

ރަށްފުށުގެ ޞިއްޙީ ޙާލަތަށް ވިސްނާލާއިރު އަދި ވަކީން ޙާލު ދެރައެވެ. ޚިދްމަތްތައް ރޭވި އަތްފޯރާ ފަށުން ލިބޭތަންތަން ނަންނަމުގައި އެބަހުއްޓެވެ. އެފަދަ ބައެއް ތަންތަނާމެދު ވިސްނާލުމުން ސަހަރޯ ހީވެއެވެ. ޞިއްޙީ މަރުކަޒާއި ހެލްތު ޕޯސްޓުގެ ނަމުގައި ހަދާފައިވާ ޢިމާރާތްތަކުގެ އިސްވެރިންގެ ގޮތުގައި ބަނޑުގައިރިއްސީމާ ރިއްސާކަމުގެ އިޙްސާ ނުކުރެވޭ ވަރުގެ މީހުންވެސް އެބަތިއްބެވެ. ތަނުގައި ހުރީ ކޮން އެއްޗެއްކަމެއް، ނެތީ ކޮން އެއްޗެއްކަމެއް ބޭނުންވަނީ ކޮން އެއްޗެއް ކިހާ މިންވަރެއް ކަމެއްވެސް ނޭގެއެވެ. އަމުދަކުން ގިނަ ތަންތާގައި ފަރުވާއެއް ދެވޭނެ އާލާތެއް ނުވަތަ ބޭހެއް ނެތްތާ ބައްޔެއް ދެނެގަނެވޭނެ ފެންވަރުގެ ޑޮކްޓަރެއްހާ ހިސާބުވެސް ނުހުރެއެވެ. އެހެންވީމާ ބައްޔެއް ވިޔަސް މިފަދަ ތަނަކަށް މީހަކު ވަދެލަނީ ދެން ނުގޮސް ނުވުމުން ހިތާއިފިތާ ދެކޮޅަށެވެ. މިއީ ދައްކާ ކޮޅުންލާން އޮތް ވާހަކައަކަށް ނުވާތީ ދަންނަވާލަން ބޭނުންވަނީ، ޞީއްޙީ ޚިދްމަތް ޚިދްމަތެއްގެ ގޮތުގައި ދިނުމާމެދު ސަރުކާރުން ގެންގުޅުއްވާ އުޞޫލުތައް ބަދަލުކޮށްލަން އެބަޖެހެއެވެ.z

1 comment:

  1. މަށަށް ފެންނަނީ ތިޔަ ފީވަކު ސޮރު ރަށުން ބޭރުކޮށްލަން! ނޫނީ އޭނާގެ ކޭބަލްތައް ކޮށާލަން!

    ReplyDelete