Friday, November 13, 2009

!..........................އަޖައިބެއްކަހަލަ ކަމެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ މާލޭގޮފީގެ ފަރާތުން މިފަހަރުގެ އަޟުޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤްޞަދުގައި “ ޢީދު ފޯރި ކުރަމާ ” ގެ ނަމުގައި ޙަރަކާތްތަކެއް ހިންގާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. ވަރަށް ފޯރިއާއި ޖޯޝާއެކު ތަފާތު 10 ބައްދަލުވުމެއް ބާއްވައި، ވަރަށް ގިނަ ޙަރާކާތްތަކެއް މިހާރުވަނީ ރާވައި ނިމިފައެވެ. ހަމަ އެހެންމެ އެ ޙަރަކާތްތަކަށް ބޭނުންވާ ފައިސާއާއި ބައެއް ސާމާނުވެސް ހުރީ އަތްމަތިވެފައެވެ.


މާލޭ ގޮފިން މި ޙަރަކާތްތައް ރާވާ، މިހިސާބަށް ފުރިހަމަވެގެން އައި އިރު ރަށުގައި ތިބި މެންބަރުންވެސް ވަރަށް ހީވާގި ކަމާއެކު ޢީދު ޙަފްލާއަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އެބަދެއެވެ. ހަމަ މި ތައްޔާރީތަކާއެކު ވަރަށް މުހިއްމު އެހެން ކަމަކަށްވެސް މުޅި އިހަވަންދޫ ދަނީ ތައްޔާރު ވަމުންނެވެ. އެއީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޚްތިފާލަށް ޓަކައި ވާންޖެހޭ ތައްޔާރީތަކެވެ. ޢީދުގެ އުފާވެރި ޙަފްލާގެ އުފާވެރިކަމުގެ ކުލަވަރާއެކު މަސްވެރިންގެ ދުވަހުގެ ފަޚްރުވެރި ރަން ވަނަތައް އިޢުލާން ވެގެންދާނީ އިހަވަންދޫގެ ފަޒާގެ ތެރެއަށް ކަމަށްވާތީއެވެ.


އިސްވެ މިދެންނެވި ދެޢީދަށްޓަކައި އިހަވަންދޫ އާއި އިމަގު ތައްޔާރު ވެފައިވާ މިންވަރާއި ހިންގަމުންދާ ޙަރަކާތްތަކުގެ ތަފްޞީލްތައް އެނގެން ބޭނުންވާ ފަރާތްތައް ނުހަނު ގިނައެވެ. އެ އަޑު އަހާލަން ބޭނުންވާ ކަންފަތްތައް އެހާމެ ގިނައެވެ. އެހެންކަމުން މިދެންނެވި މަޢުލޫމާތުތައް ބޭނުންވާ ފަރާތްތަކާ ޙިއްޞާ ކޮށްލުމުގެ ގޮތުން “މަރިޔާދު” ޕްރޮގްރާމުން އިމަގުގެ ދެމެންބަރަކަށް ފުރްޞަތު ލިބުނެވެ. އެއީ މިހިނގާ ނޮވެމްބަރު މަހުގެ 8 ވަނަދުވަހުގެ ހެނދުނު 10:30 އެއް ހާއިރުއެވެ.


އިމަގު ގެ ދެ މެންބަރުން އަރައި އެތިބީ ކުރިއަށް އޮތް ދެޢީދަށް ވަމުންދާ ތައްޔާރީތަކާއި އިމަގުގެ ޚިދްމަތްތަކުގެ ވާހަކަ މުޅި ރާއްޖެއަށާއި ދުނިޔޭގެ ބައެއް ޤައުމަތަކަށް ވަގުތުން އިއްވައިލުމަށްޓަކައި ލައިވް ޕްރޮގަރާމެއްގައި މިލްޖުލްވެގެންނެވެ. މަސްވެރިންގެ ދުވަހައްޓަކައި ތައްޔާރު ކުރާ ކުޑަކުދިންގެ ޕާކާއި ސްޓޭޖްގެ ވާހަކައާއި އިމަގުގެ ފަރާތުން ދޭ އެވޯރޑާއި ޢީދުގެ ޙަރަކާތްތަކުގެ އަޑު ފަތުރާލުމަށްޓަކައެވެ.


އަޖައިބެއްކަހަލަ ކަމަކަށް ވީ ހަމަ މިދަނޑިވަޅު މީޑިއާނެޓް ނުވަތަ ކޭބަލް މެދުވެރިކޮށް ފޮނުވި މަންޒަރުތައް ތާށިވުމެވެ. ހަމަ އަތަކުން އަތަކަށް ގުޑައިވެސް ނުލިއެވެ. އެހެނަސް ޓީވީ މޯލްޑިވް އިން ފޮނުވި މަންޒަރުތައް މެދުނުކެނޑި މާލޭގެ ގެތަކުގައިވާ މަންޒަރު ފޮށިތަކުން ފެންނަމުން ދިޔައެވެ. ވަރަށް ހިތްގައިމެވެ. ދެން ޙައިރާންވެ އަންތަރީސްވީ އިމަގުގެ ދެމެންބަރުންގެ ވާހަކަ ނިމުމާއެކު ކޭބަލްޓީވީގެ މަންޒަރުތައް ފެންނަން ފެށީމައެވެ.


މިހާރުދަނީ މި ދެމެންބަރުންގެ ތަސްވީރާއި އަޑުގައި ކޭބަލް ޓީވީއާ ނުގުޅޭޒާތުގެ، އެއްވެސް ބާވަތެއްގެ މާއްދާއެއް އެކުލެވިފައިވޭތޯ ބެލުމުގެ ގޮތުން ދިރާސާއެއް ކުރަމުންނެވެ. އަދި ހަމަ އެހެންމެ މި މަންޒަރުތަކުގެ ރެކޯޑިން ލަހެއްނުވެ، އިހަވަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީއަށް ފޮނުވައިގެން ތަޙްލީލް ކުރެވޭނެއެވެ.


. ޚަބަރު: މެދުކެނޑޭ




* މިއީ މަސްވެރިންގެ ދުވަހާ ގުޅިގެން އިހަވަންދޫ ދެކުނު ފަރާތު އަތިރިމަތީގައި ހަދާގޮތަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ކުރެހުމެކެވެ. އީޒީ


1 comment:

  1. ވާގޮތަކީ މިކަން ކުރަން އުޅުނު މީހުން މާ ފިނޑީ ލިޔުމެއް ލިޔެލަންވެސ ނުކެރުނު ވިއްޔަ ދެން ކީއް ކުރާނީ؟

    ReplyDelete