Friday, November 13, 2009

ޑީސެންޓްރަލައިޒޭޝަން

މުޙައްމަދު ޢަބްދުއްލަޠީފް


ދިވެހިރާއްޖެ ޑީސެންޓްރަލައިޒްކުރުން ނުވަތަ ލާމަރުކަޒީ އުޞޫލުން ހިންގުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި އަދިވެސް މިވަނީ އެއްބަސް ވުމަކަށް ނާދެވިފަ އެވެ. ކަމަކީ ކިތައްމެ މުހިންމުކަމެއް ކަމުގައިވިޔަސް ކަންކުރަންތިބި މީހުން މިއަދު މިވަނީ ކިރުބޯ ޅަދަރިންނަށްވެފައެވެ. ޤާނޫނު އަސާސީގައި ލާމަރުކަޒީ އުޞޫލުން ހިންގުމާއި ގުޅޭގޮތުން އޮތް ފޮޅުވަތާއި ސަރުކާރުން ހުށައެޅި ބިލާއި ދިމާ އިދިކޮޅުކަމުގައިބުނެ އިދިކޮޅު ޕާޓީންވަނީ ފަނިހަދާފަ އެވެ. އިދިކޮޅުޕާޓީން ބުނަނީ ކޮންމެ އަތޮޅެއްވެސް ހިންގާންޖެހޭނީ ލާމަރުކަޒީ އުޞޫލުންނެވެ. އެގޮތުން 19 އަތޮޅު އެއީ 19 ލާމަރުކަޒީ އިދާރާކަމަށް ކަނޑައަޅަން އިދިކޮޅު ޕާޓީން ޝަރުޠުކުރެއެވެ. ސަބަބެއްކަމުގައި އެވެރިން ބުނަނީ އެހެންނޫނީ ގާނޫނު އަސާސީއާ ޚިލާފުވާނެ ކަމަށެވެ. ޤާނޫނު އަސާސީއާ ޚިލާފަށް އެންމެކަމެއްވެސް ކުރެވެން ނޯންނާނެ ކަމަށެވެ. އިދިކޮޅުޕާޓީގެ މައިގަނޑު ޕޮއިންޓަކީ މިއީކަމަށްވާއިރު ސަރުކާރުން ދެކެނީ ނުވަތަ ޖަވާބުގައި ބުނަނީ އަތޮޅެއް އެއީ ލާމަރުކަޒީ އުޞޫލުން ސަރަހައްދެއްކަމުގައި ކަނޑައަޅަން މާކުޑަމިންވަރެއްކަމަށެވެ.

އާބާދީއަށް ބެލިޔަސް ރިސޯސްއަށްބެލިޔަސް ގާނޫނުގައި އެވާ މާއްދާއިން ކޮންމެ އަތޮޅެއް ލާމަރުކަޒީ އުޞޫލުން މަރުކަޒެއްކަނޑައަޅަށް ލާޒިމްނުކުރާކަމަށެވެ. އޭގެ ބަދަލުގައ އިދާރީ ދާއިރާތައް ގުރޫޕުކޮށްލައިގެން ލާމަރުކަޒީ އުޞޫލުން ހިނގާނެ ސަރަހައްދުތަކެއް ކަނޑައެޅި ދާނެކަމަށެވެ. އެގޮތުން 7 ސަރަހައްދު އެއީ އެކަށީގެންވާ އަދަދެއްކަމަށެވެ. އަދި ހަމަ މިއާއެކު 19 ނުވަތަ 20 ސަރަހައްދު ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ގައުމުގެ މާލިއްޔަތާއި އެކަށީގެންނުވާ ޖީބަން ނުކަތާވަރު ބޮޑު ޚަރަދަކަށް ވެގެން ދާނެ ކަމުގައިވެސް ސަރުކާރުން ބުނެއެވެ.

ދެފަރާތުގެ ވާހަކަތަކަށްބަލައި، ސަރުކާރުންދައްކާ ވާހަކަތަކުގައި ހަރުދަނާކަމެއް އެބަހުރިކަމުގައި ފެނެއެވެ. އެގޮތުން އަތޮޅެއް އެއީ ލާމަރުކަޒީ އުޞޫލުން ހިންގަން ކުޑަ މިންވަރެއްކަމުގައި ގަބޫލުކުރެވެ އެވެ. އަތޮޅެއްގައި ގިނަވެގެން 30 ހާސް މީހުން ހަމަނުވާއިރު ފަސްހާސް ހަމަނުވާ އަތޮޅުތައްވެސް އެބަހުއްޓެވެ. ފަޅުރަށްރަށާއެކު އެވްރެޖްކޮށް އަތޮޅެއްގައި ހިމެނެނީ 30 ހަކަށް ރަށެވެ. ވިޔަފާރި އާއި އިޤްތިޞާދަކީ ވެސް މިދެންނެވި ފަދަ އަސާސްތަކާ ގުޅިފައިވާ ކަމަކަށްވާއިރު 20 ހާސް މީހުންނާއި ކިލޯމީޓަރެއް ހަމަނުވާ 30 ހަކަށް ރަށް ލާމަރުކަޒީ ކޮށްގެން ކުރާނީ ކޮންކަމެއްތޯ އެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލިޔަސް މިފަދަ މަންޒަރެއް ފެންނާކަން ނެތެވެ. އެތައް ހާސް އޭކަރެއްގެ ބިމާއި ބިލިޔަނެއްހައި މީހުން ތިބި ގައުމުތަކުގައިވެސް 150 ލާމަރުކަޒީ އިދާރާއެއް ނެތެވެ.

ރައްޔިތުންނަށް ޚިދުމަތެއް ދިނުމުގައި ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ޤާނޫނެއް ހުރަސް އަޅާނަމަ އެޤާނޫނެއް ބަދަލުކޮށް އިސްލާޙްކުރުމަށް ރައްޔިތުން މިތިބީ އެބައިމީހުންގެ ބައިތުލް މާލުން އުޖޫރަދީގެން ބަޔަކާއި ޙަވާލުކޮށްގެންނެވެ. އެއްވެސް ލަސްކުރުމެއްނެތި އެކަން ކުރުމަކީ އެބައެއްގެ ވާޖިބެކެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް ޤާނޫނޭ ކިޔައިގެން ހީލަ ހީލާ ތިބުން ފިޔަވައި އެހެންކަމެއް ކުރާތީއެއް ނުފެނެއެވެ.

ދިވެހިރާއްޖޭގެ ރަށްތައް ލާމަރުކަޒީ ކުރުމަކީ ރައްޔިތުންނަށް ނުހަނު ފައިދާހުރި ބޭނުންތެރި ކަމެކެވެ. އެއީ ލާމަރުކަޒީ ނިޒާމަކީ އެސަރަހައްދެއްގެ ކަންކަން އެސަރަހައްދެއްގެ ބަޔަކު އެދޭގޮތެއްގެ މަތިން އެބަޔަކު އަމިއްލައަށް އެބައިމީހުންގެ ބައިވެރިވުމާއި ހިއްސާ އޮވެގެން ހިނގޭ ނިޒާމެއްކަމުގައި މި ނިޒާމުވެފައިވަނީ ދުނިޔޭގެ ގައުމުތައް ކުރިއަރާ ދިޔުމުގެ ވަރަށް މުހިންމު ސަބަބެއްކަމުގަ އެވެ. އެހެންކަމުން ރައީސް ނަޝީދުވެސް ވަނި މިކަމުގައި މާބޮޑު ސިޔާސީ ވާދަވެރިކަމެއް ނުގެން ގުޅުއްވާ ބިލް ފާސްކޮށްދިނުމަށް ތަކްރާރުކޮށް އެދި ވަޑައިގެންފަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީން އެކަން އެހެން ކުރަނީ ކިހިނެއްތޯ އެވެ. ރައްޔިތުންތަކަށް ލުއި ފަސޭހަދިނުމަކީ އެވެރިންގެ މާކުރާ ހިއްވާކަމެއްނޫން ވިއްޔާއެވެ.

އެސަރަހައްދެއްގެ ރައްޔިތުންގެ ވިޔަފާރީގެ ހުއްދައާއި އެސަރަހައްދެއްގެ ރައްޔިތުންގެ އޮޑިދޯނި ފަހަރުގެ ރަޖިސްޓަރީ އާއި އެސަރަހައްދެއްގެ ރައްޔިތުންގެ ޕާސްޕޯޓާއި ކަނޑާއި އެއްގަމުގެ ލައިސަންސާއި އައިޑީކާޑާއި މިހެންގޮސް މިހެން ހުރި އެތައްކަމެއް އެސަރަހައްދެއްގެ މަރުކަޒީ ރަށުން ކުރެވޭގޮތަށް ހަމަޖެހިގެން ދިޔުމަކީ ކޮންމެ ރައްޔިތަކު ނޭދޭނެކަމެއްތޯ އެވެ؟ ހަރުގެވަޅެއް ހޯދަން އެދޭމީހާ އޮޑީ ނަންބަރެއް ހޯދުމަށް ފުރަމާލެއަށް ދާންޖެހޭ ދިޔުން ހުއްޓާލަން ޖެހޭފަދަ ލާމަރުކަޒީ ނިޒާމަކީ ކޮންފަދަ ފުރިހަމަ ބޭނުންތެރި ނިޒާމެއްތޯ އެވެ. އެކަމަކު ކުރާނީ ކީއްތޯ އެވެ. އެވެރިން އެތިބީ ޤާނޫނާއި ޚިލާފު ނުވާގޮތަށެވެ.

No comments:

Post a Comment