އެޑިޓޯރިއަލް - ސެޕްޓެމްބަރ 2009
ތެދެކެވެ. މިރާއްޖޭގެ ސިޔާސަތަށް ނުވަތަ ވެރިކަމުގެ ނިޡާމަށް ބަދަލުތަކެއް ގެނެސް އެހެން ފަރާތަކާ ރާއްޖޭގެ ވެރިކަން ޙަވާލުކުރީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވެގެންނެވެ. އެހެނަސް މީގެ މާނައަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ކޮންމެކަމެއް ކުރައްވާށެކޭ ނޫނެވެ. ނުވަތަ މިރާއްޖޭގެ ވެރިކަމުގެ ސިޔާސަތު ހިތްޕުޅާވާ ކޮންމެ ކޮންމެ ގޮތަކަށްވެސް ބައްޓަން ކުރެއްވެވިދާނެއެކޭ ނޫނެވެ. ވެރިކަމުގެ ބާރުތައް ބައްސަވާ ކޮންމެ ގޮތަކަށް ބެއްސެވިއަސް އެބާރުތަކުގެ ބޭނުން ހިއްޕަވަންވާނީ މިރާއްޖޭގެ ރައްޔިތުންގެ ވިންދާއި އިޙްސާސްތައް ރަނގަޅަށް ދެނެ، ރައްޔިތުން ބޭނުންވާ ގޮތަށެވެ. ރާއްޖޭގެ ޤާނޫނު އަސާސީއާއި ތަޢާރަޟު ނުވާނޭ ބީދައަކުންނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ ރައްޔިތުން އެދިއެދި ތިބި މަންޒަރުތަކާ މުޅިން ތަފާތު ތަސްވީރެކެވެ. ސިޔާސަތުގައި ލޯވަޅުތަކެއް އެޅި ބޮޑެތި ބާގަނޑުތަކަކަށް ބަދަލުވަމުންދާ ކުލަވަރެވެ. އިދިކޮޅު ފަރާތްތަކުން އެބާގަނޑުތަކުން ވަދެ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައި ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ކަންބޮޑުވުން އުފައްދަމުންދާ ތަނެވެ.
ފުރަތަމަ ކަމަކަށް ފާހަކޮށްލަން ޖެހެނީ މުސްލިމުންގެ ދުޝްމިނު ، ޔަހޫދީ ދައުލަތެއްކަމުގައިވާ އަނިޔާވެރި، ހަރުކަށި އިޒުރޭލާ ގުޅުން ބަދަހި ކުރުމުގެ ގޮތުން މަތީފެންވަރުގެ ވާހަކަތަކެއް ދެކެވި އެއްބަސްވުންތަކެއްގައި ފާޅުގައި ސޮއިކުރި ވާހަކައެވެ. މިކަން ވެގެން ދިޔައީ، މިކަމުން ފައިދާއެއް ކުރިޔަސް ނުކުރިޔަސް ދިވެހީންނަށް ހަޖަމު ކުރެވޭ ވަރަށް ވުރެ މާ ހިތި ޚަބަރަކަށެވެ. އަދި ހަމައެހެންމެ އިދިކޮޅު ފަރާތްތަކަށް، ރައްޔިތުންގެ ޖަޒުބާތާ ކުޅެލަން ލިބިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔައި އިސްލާމީ ޝިޢާރުތަކާއެކު އެއްވުންތައް ބާއްވައި، ސިޔާސީ ރޫޙެއްގައި ރައީސް ނަޝީދަށް ލަޢުނަތްދީ ޤައުމަށް ހަލަބޮލިކަން ގެނައުމުގެ މަސައްކަތް ފެށުމެވެ.
ދެވަނައަށް ފާހަގަކޮށްލަންޖެހެނީ މުޅި ދުނިޔެއަށާއި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ސަރުކާރަށް އަޅަން ޖެހުނު ފިޔަވަޅުތަކާ ގުޅިގެން އުފެދިފައިވާ ހިތްނުތަވަސްކަމެވެ. ޚާއްޞަކޮށް ސިވިލްސަރވިސް މުވައްޒަފުންނަށް ކުރިމަތިވި ހިތްދަތިކަމެވެ. މުވައްޒަފުންގެ ޢަދަދު މަދުކުރުމާއި މުސާރަ ކުޑަކުރުމުގެ ސަބަބުން އިދި ކޮޅު ފަރާތްތަކަށް ލިބުނު ފުރްޞަތުގެ ބޭނުން ހިފައި ޤައުމުގައި ހިންގަމުންދާ ޙަރާކާތްތަކެވެ. ފެނިގެން ދިޔައީ މިސަރުކާރުން ރައްޔިތުންނަށް ހެވެއް ނޭދޭ ކަމާއި މިއީ އަނިޔާވެރި ވެރިކަމެއްކަން ހާމަކޮށްދިނުމުގެ ގޮތުން ދައްކާނެ ވާހަކައެއް، “ސާބިތު ހެއްކެއް” ލިބުމުން ޕެޓިޝަންތައް ހަދައި، ކުއްލި މައްސަލަ ހުށައަޅައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވާ “އިޚްލާޞްތެރި” ޢިއްޒަތްތެރި މެންބަރުންތައް ރައީސް އޮފީސްދޮށުގައި ދެފައި ވައްކޮށްލައިގެ ތިބި މަންޒަރެވެ.
ޝައްކެއްވެސްނެތްގޮތުގައި އިދިކޮޅު ފަރާތްތަކަށް މިފުރުޞަތު ދިނީ އަދުގެ ސަރުކާރެވެ. ވަޒީފާތައް މަދުކުރާ އަޑުއަރުވަމުން ބޭނުމެއް ނެތް ބޭކާރު ވަޒީފާތައް އުފައްދައި ހިތުހުރި މީހަކަށް ވަޒީފާ ދިނުމީ މައުމޫނުގެ ސަރުކާރުން، ބޭއިންސާފުން ކުރަމުން ދިޔަ ކަމެކޭ ބުނެ އަޑު އުފުލިފަރާތްތަކުން ވެސް ފެންނަނީ ހަމަ އެމަންޒަރެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރަށް އޮތް އިތުބާރު ކުޑަވެ މުޖްތަމަޢުގައި ބައިބައިވުން އުފައްދާ ފަރާތްތަކަށް ދޮރެއް ހުޅުވުނީއެވެ. ޖެހިލުމެއްނެތި އެދޮރުން ވަދެ މިހާރު މިވަނީ ޤައުމުގެ ސިޔާތުގައި އުފެދުނު ލޯވަޅުތައް ބޮޑެތި ބާގަނޑު ތަކަކަށް ހަދާފައެވެ. c
No comments:
Post a Comment