Monday, September 7, 2009

ދަތިގޮތްތަކާއި ނިކަމެތި ގޮތްތަކަށް ހުށަހެޅެނީ

އަބުދުލް ޚާލިޤް މޫސާ/ އަލިނޫރު

ކަމެއް ބަދަލުވެ، ކަމެއް ދަތިވަމުން ދިޔުން ހިމެނިގެން މިވަނީ، އަޅުގަނޑުމެންގެ އަމިއްލަ އަތުން ކުރާ ކަންތައްތަކެއްގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ދުނިޔޭގައި އިންސާނުންނަށް އިޚުތިޔާރު ދެއްވާފައިވާ ކަންކަން ވަރަށް ގިނަ އެވެ. އެއިން ކޮންމެ ކަމެއް އިންސާނުން، ބައްޓަން ކުރެވޭކަން އެއީ ޙަޤީޤަތެކެވެ. އަދި ފެންނަން ހުރި އަލިގަދަ ދަލީލެކެވެ.

ދުނިޔެއޭ މިކިޔާތަނުގެ އެއްގަމާއި ކަނޑުގައި ތަފާތު ވަޞީލަތްތަކެއް އިންސާނުންނަށްޓަކައި ޤުދުރަތީ ގޮތުން ލައްވާފައިވެ އެވެ. އަދި އެދެތަނުގައި ވާހައި ތަކެއްޗާއި ކަންކަން އުފެދުމަށް ސަބަބުތަކެއް ލައްވާ ފައިވާކަންވެސް އެނގެމުން އެބަދެ އެވެ. ހިތާމައަކީ އެވަޞީލަތްތައް އިންސާނުންގެ އަތްތަކުން ހަލާކު ކުރަމުން ދާކަމެކެވެ.އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ނަސްލު ދިރިއުޅެން އޮތްތަނަކީ އަދި ދިރިއުޅެމުންދާ ތަނަކީ މި ކުދިކުދި ޖަޒީރާ ރަށްތައް ކަމަށް ވުމާއެކުވެސް މެއެވެ.

ވިސްނުންފުޅެއް ބަހައްޓަމާތޯއެވެ. އިމާރާތް ކުރާ ގޭގޭގެ ތަނބުތަކާއި ފައުންޑޭޝަން ކޮންކުރީޓް ކުރަނީ މި ފުށި ރަށްތަކުގެ ގޮނޑުދޮށްތަކުގައި ހިމާޔަތަށް ލައްވާފައިވާ އަކިރިއާއި ވެލި ނަގައިގެންނެވެ. މަސްވެރިން މަހަށް ނުކުންނަނީ ހާހަލާއި ފަޅުފަޅާއި ގިރިތަކުގައި ހުރި އެމެއް ވީއްޔާ އެއްކޮށް ހިފައިގެންނެވެ. އެހެން ދުވަހަކު މަހަށް ދިޔުމަށްޓަކައި އެ އެންކޮޅު ބޭނުންވާނެ ކަމަށް ވިސްނާލުމެއްނެތި އެވެ. އަދި ހަމަ އެފަދައިން މި ފުށިރަށްތަކުގެ ވަށައިގެން މިއޮށް ހިތް އުފާކުރުވަނިވި ރިހިކުލައިގެ ރީތި ދޮންވެލިގަނޑާއި ރީތި ބިލްލޫރި ކޮޅެއް ކަހަލަ މޫދާއި ޗާލު ވިލުގައި މިހުންނަނީ ޕުލާސްޓިކު ކޮތަޅާއި ނެޕީއާއި ދަޅާއި ބިލްލޫރި ފުޅިތަކާއި އަންނައުނެވެ. މިފަދަތަކެއްޗަކީ ކަނޑުގެ މާހައުލަށް އަދި ފަރުފަރުގެ މާހައުލަށް އެހައިމެ ނުރައްކާ ތަކެތިކަން އެންމެންވެސް ވަރަށް ފުރިހަމައަށް ދަނެއެވެ. ދުނިޔޭގައި ލައްވާފައިވާ ދިރޭތަކެތީގެ ބޮޑުބަޔަކީ ކަނޑުގައި ލައްވާފައިވާ ތަކެތި ކަމަށް ވީހިނދު އެމާހައުލު ވީރާނާވެގެން ދިޔުމަކީ ކިހާ ނުބައި އަސަރުތަކެއް ކުރާނެ ކަމެއް ކަމާމެދު އަޅުގަނޑުމެން މިތިބެނީ ޣާފިލުވެފަ އެވެ. ރީތި މުރަކަތައް މަރުވެ ދަނީ އެވެ.ފަރުތަކުގެ ދިރުން ގެއްލެނީ އެވެ. އެނގިލައްވާނެ ފަދައިން ކަނޑުގައިވާ މަސްމަހާމެއްސާއި ޕުލާސްޓީކު ކޮތަޅު ދެނެގަންނަނީ އެއީ ކާއެއްޗެއްގެ ގޮތުގަ އެވެ. ސަބަބަކީ ޖެލީފިޝް ކިޔާ ބާވަތުގެ މަހަކީ އެސޮރުމެން ކެއުމަށް ގިނަ ޢަދަކަށް ބޭނުންކުރާތަކެތި ކަމަށް ވުމާއެކު، ޕުލާސްޓިކު ކޮތަޅާއި ޖެލީފިޝް (ފިރުއައުނުމުދާ) ވައްތަރުވުމެވެ. ކޮތަޅު ކެއުމުން ދެން މިވާގޮތަކީ މަސްމަހާމެހީގެ ހަޖަމުކުރުމުގެ ނިޒާމު ހަލާކުވުމެވެ. މަސް މަރުވުމެވެ. އެފަދައިން ގޮނޑުދޮށު މަސްވެރިކަން ކުރާފަރާތްތަކުން މަސް ހޯދުމަށްވެސް ދޮށިއުކަނިކޮށް ބުޅީގައި އަޅާގަންނަނީވެސް މަހުގެ ބަދަލުގައި ފާޑު ފާޑުގެ ކޮތަޅާއި ނެޕީއާއި ފޮތިގަނޑު ގަނޑާއި ސަތަރި ގަނޑު ގަނޑެވެ. ސާފުތާހިރުވެ ސަލާމަތް ވެފައިވާ ތަނެއްގެ ގޮތުގައި އެތަންތަން ވެފައެއް ނޯވެއެވެ.

ކުރީގެ ޒަމާން ތަކުގައި ޕުލާސްޓިކު ކޮތަޅާއި ޕުލާސްޓިކު ފުޅިތަކެއް އަޅުގަނޑުމެން ނުދެކެމެވެ. ޕުލާސްޓިކު ފުޅިއެއް ނުވަތަ ބިއްލޫރިފުޅިއެއް ލައްގާފައިވަނިކޮށް ފެނިއްޖެނަމަ އެއީ ރައްކާކުރަންޖެހޭ ބައެއްތަކެތި އަޅާފައި ބެހެއްޓުމަށް ބޭނުންތެރި އެއްޗަކަށްވާތީ ފޮރުވައި ހަދަމުއެވެ. ނަމަވެސް މިހާރު އެހާލަތު މިވަނީ ބަދަލު ވެފައެވެ. ވަރަށް ބޮޑަށެވެ

No comments:

Post a Comment