ހެޔޮލަފާ، އަދި މައިންބަފައިންނަށް ކަމޭހިތާ، ކުޑަކުދިންނަށް އޯގާވެރި ފާހިޝް ކަންކަމުން ދުރުވެގަނެވޭނެ އިޖުތިމާޢީ އަޚްލާޤީ އަސާސްތަކެއް ބަޔާންކުރައްވާ އަލްއަންޢާމް ސޫރަތުގެ 151ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެ އެވެ. "ކަލޭގެފާނު ވިދާޅުވާށެވެ!ތިޔަބައި މީހުން އަންނާށެވެ! ތިޔަބައި މީހުންގެ މައްޗަށް ތިޔަބައި މީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައި ދެއްވާނަމެވެ. ތިޔަބައި މީހުން ﷲއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! މައިން ބަފައިންނަށް ހެޔޮކޮށްހިތާށެވެ. ފަޤީރުކަމުގެ ބިރަށް ތިޔަބައިމީހުން ދަރީން ނުމަރާށެވެ. ތިޔަބައި މީހުންނަށާއި އެދަރީން ނަށްވެސް ރިޒުޤުދެއްވަނީ ތިމަން ރަސްކަލާނގެ އެވެ. އަދި ފާހިޝް ކަންތަކާއި ތިޔަބައިމީހުން ކައިރިނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތައްތައްވެ އެވެ. ﷲ ހުރުމަތްތެރި ކުރެއްވި ނަފްސެއް ހައްޤަކާ ނުލައި ނުމަރާށެވެ! މިކަންތައްތަކާމެދު އެކަލާނގެ ތިޔަބައި މީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައިމީހުން ވިސްނުމަށްޓަކަ އެވެ."
މީގެއިތުރުން އަބުރުވެރި އިތްފަތްތެރި ބަޔަކު ދިރިއުޅޭ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބެލުންތައް ތިރި ކުރުމަށާއި ލަދުވެތި ގުނަވަންތަކަށް ރައްކާތެރި ކުރުމަށް ބާރުއަޅުއްވާ އަންގަވާފައިވެ އެވެ. އެގޮތުން އައްނޫރު ސޫރަތުގެ 30 ވަނަ އާޔަތުގައި ﷲ ވަޙިކުރައްވާފައިވެ އެވެ. "އެބައިމީހުންގެ ބެލުންތައް ތިރި ކުރުމަށާއި އެބައިމީހުންގެ ޢައުރަ ރައްކާތެރިކުރުމަށް، މުޢުމިނު ފިރިހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އެގޮތް ތިޔަބައިމީހުންނަށް ރައްކާތެރިކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެބައިމީހުން ކަންތައް ކުރާގޮތް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."
ޚާއްޞަ ގޮތެއްގައި ބާލިޣް ވެފައިވާ އަންހެނުންނަށް އައިސްފައިވާ ނަސޭޙަތް ފާހަގަ ކުރަންޖެހެ އެވެ. އައްނޫރު ސޫރަތުގައި ﷲ ވަޙީ ކުރައްވަނީ "އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅު މަތީގައި އަޅައި ނިވާކުރާހުށިކަމެވެ!" މިހެންވަޙީ ކުރެއްވުމަށް ފަހު، އަޢުރަ ކަޝްފު ކުރެވިދާނެ މީހުންނަކީ ކޮބައިކަން ބަޔާން ކުރެއްވިއެވެ. ( ނުނިމޭ )
No comments:
Post a Comment